05 Aug 2012, 15:56
ނ. ވެލިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ކައުންސިލްގެ އިދާރާ ހިސޯރުކޮށްފި އެވެ.
ވެލިދޫ މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ އެމީހުން ކައުންސިލްގެ އިދާރާ ހިސޯރުކުރީ އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާ ރިޗްވުޑް ހޮޓެލްސް އެންޑް ސުވިޓުސް ކޮންޕެނީ އަށް މަސައްކަތް ފެށުމަށް ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ހުއްދަ މިއަދާހަމައަށް ވެސް ދީފައިނުވާތީ އެކަމާ ދެކޮޅު ހެދުމަށް ކަމަށެވެ.
"އެކަންކަމަކީ ވެލިދޫއަށް ވަރަށް މުހިންމު ކަންތައްތަކެއް އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުން މިހިރީ ސަރުކާރުގެ ފަރާތުން އެކަށޭނަ ޖަވާބެއް ދެންދެން ކައުންސިލް ހިސޯރުކުރުމަށް. ނަމަވެސް މިއަދަށް ދޫކޮށްލާނަން، އެކަމަށް ޖަވާބެއް ނުލިބިއްޖެ ނަމަ މާދަމައިން ފެށިގެން ނުހުއްޓާ ކުރިއަށް ގެންދާނަން،" އޭނާ ބުންޏެވެ.
އަދި ބުނީ އެ އިހްތިޖާޖަކީ އެއްވެސް ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ ކަމެއް ނޫން ކަމަށާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ވެސް އެކަމުގައި ބައިވެރިވާ ކަމަށެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް މިއަދު ވިދާޅުވީ މިއަދު 1:30 ހާކަންހާއިރު އެ ރަށު 100 ވަރަކަށް މީހުން ވަދެ ކައުންސިލްގެ އިދާރާ ހިސޯރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ސަރުކަރުން ހުއްދަ ނުލިބިގެން ނުފެށިފައިވާތާ ހަތަރު މަސް ވެފައިވާ މަސްރޫތަކެއް ކަމަށެވެ.
"އެމަސްރޫއު ހަވާލުކޮށްފައި ވަނީ ނ. ކުރެދިވަރު ރިސޯޓު ތަރައްގީ ކުރާ ކުންފުއްޔާ ނަމަވެސް އެފަރާތައް މަސައްކަތް ނުފެށިފައި ވަނީ ސަރުކާރުން ލިބެން ޖެހޭ ހުއްދަ ނުލިބިގެން،" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފިނޭންސް މިނިސްޓުރީއާ ތަކުރާރުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމަށް އަދި މިހާތަނަށް ހައްލެއް ލިބިފައިނުވާ ކަމަށާއި މާދަމާ ވެސް އިތުރު މަޝްވަރާތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.
އެކަމާބެހޭ ގޮތުން ފިނޭންސް މިނިސްޓުރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.