27 Aug 2010, 10:14
15:15
ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިން ގިނަވެގެން 50 އަހަރަށް ދޫކުރެވޭ ގޮތަށް ގާނޫނަށް ބަދަލުގެނެސް، މިހާރު ހިނގަމުންދާ ރިސޯޓްތަކުގެ މުއްދަތު ވެސް 50 އަހަރަށް ދަމާލެވޭ ގޮތަށް ޓޫރިޒަމްގެ ގޫނޫނު އިސްލާހުކޮށްފި އެވެ.
ނަމަވެސް ހިނގަމުންދާ ރިސޯޓެއްގެ މުއްދަތު 50 އަހަރަށް ދަމާލެވޭނީ، އިއްޔެގެ އިސްލާހުގައިވާ ގޮތުން، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު (1.28 މިލިއަން ރުފިޔާ) ގެ ފީއެއް ޓޫރިޒަމް މިނިސްޓްރީ އަށް ނެގުމަށް ފަހުގަ އެވެ. އެ ފީ ދެއްކުމުގައި އިތުރުކުރާ މުއްދަތުގެ މައްޗަށް ބަހާލައިގެން ދެއްކިދާނެ ކަމަށް ވެސް ބިލްގައިވެ އެވެ.
"މި މާއްދާގެ (ނ)ގައި ކަނޑައަޅާފައިވާ ފީ ދައްކާނީ އިތުރުކުރެވޭ މުއްދަތުގެ މައްޗަށް ބަހާލުމަށް ފަހު އަހަރަކަށް ދައްކަންޖެހޭ ވަރު އެ އަހަރަކު ދައްކާ ހަލާސްކުރާ ގޮތަށެވެ،" ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.
އިއްޔެގެ ޖަލްސާގައި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގަތް 74 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓް ދެއްވައިގެންނެވެ.
ބިލްގައިވާ ގޮތުން މި ގާނޫނު ގެޒެޓްގައި ޝާއިއުކުރާއިރު ހިނގަމުންދާ ރަށްރަށާއި ބިންތަކުގެ މުއްދަތު އިތުރުކުރަން ބޭނުން ނަމަ މީލާދީ ގޮތުން 18 މަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންޖެހެ އެވެ. އަދި މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާއިރު، ހިންގަން ފަށައިފައިނުވާ ތަންތަނުން މުއްދަތު އިތުރުކުރަން ބޭނުން ނަމަ 36 މަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންޖެހެ އެވެ.
މިހާރު ހިނގަމުންދާ ރިސޯޓްތަކާއި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަން ނުފަށައި ހުރި ތަންތަނުން މުއްދަތު އިތުރުކުރަން އެދޭތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އެކަން ކޮށްދެންވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.
ޓޫރިޒަމް ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން، ޓޫރިސްޓް ރިސޯޓެއް ހެދުމަށް ޕަބްލިކް ކުންފުންޏަކަށް ދޫކޮށްފައިވާ ރަށެއްގެ މުއްދަތު 99 އަހަރަށް ދޫކުރެވިދާނެ ކަމަށް ވެސް ވެ އެވެ.
އެނދު ކުލީގެ ބަދަލުގައި އެ ތަނެއް ހިންގާ ބިމުގެ ބޮޑުމިނުން ކުލި ނަގާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގައި ވެ އެވެ. މި ބިލުގައިވާ ގޮތުން، ދެ ލައްކަ އަކަމީޓަރަށް ވުރެ ކުޑަ ބިމަކުން ނަގާ ކުލި އެއް މިލިޔަން ޑޮލަރަށްވުރެ ބޮޑުވާ ނަމަ އެ ބިމެއްގެ ކުއްޔަކީ، އަހަރަކު އެއް މިލިޔަން ޑޮލަރު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެއް މިލިޔަން ޑޮލަރަށް ވުރެ ބިމުގެ ކުލި ކުޑަ ނަމަ އަކަ މީޓަރަކަށް އަށް ޑޮލަރުގެ ރޭޓުން ކުލި ނެގުމަށް ވެސް ކަނޑައަޅާފައިވެ އެވެ. އަދި ދެލައްކަ އަކަ މީޓަރުން ފެށިގެން ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިމެއް ނަމަ އަހަރަކު ދޮޅު މިލިޔަން ޑޮލަރު ކުލީގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާއިރު، ހަތަރު ލައްކަ އަކަ މީޓަރަށް ވުރެ ބޮޑު ބިމަކުން ނަގާ ކުލި ދެ މިލިޔަން ޑޮލަރަށް ވުރެ ބޮޑުވާ ނަމަ އެ ބިމަކުން އަހަރަކަށް ދެ މިލިޔަން ޑޮލަރުގެ ކުއްޔެއް ނެގުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ވިއްކާ އެއްޗެތިންނާއި ދޭ ހިދުމަތުން ސަރުކާރަށް 3.5 ޕަސެންޓްގެ ޓެކުހެއް ނެގުމަށް ވެސް އިއްޔެ ފާސްކުރި އެވެ.