05 Aug 2012, 15:53
އެމްޓީސީސީން ދޭ ދަތުރުފަތުރުގެ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލު ގެނަން ނިންމައިފި އެވެ.
އެމްޓީސީސީ ޓްރާންސްޕޯޓްގެ ޑިޕާޓްމަންޓްގެ ހެޑް އިސްމާއިލް ފާރިގް ސަން އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި މިއަދު ވިދާޅުވީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ކުންފުނީގެ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލު ގެންނަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލެއާ ހުޅުމާލެއާ އަދި ހުޅުލޭއަށް ދަތުކުރާ "އެކްޕްރެސް" ލޯންޗްގެ ހިދުމަތުގެ އަގު 25ރ. އަށް ބޮޑު ކުރަން ވަނީ ނިންމާފަ އެވެ. މިހާރު އެކްސްޕްރެސް ދަތުރެއްގެ ފީއަކީ 20ރ. އެވެ. މީގެ އިތުރުން އަދި ހުޅުމާލެއާއި މާލެ އާއި ދެމެދު ދަތުރުކުރާ ފެރީތަކުގައި ސައިކަލް ގެންދާ އަގަށް ބަދަލު ގެނައުމަށް ވެސް އެމްޓީސީސީން ވަނީ ނިންމާފަ އެވެ.
އަގުތަކަށް ގެނައި ބަދަލާއެލު އާދައިގެ ސައިލެއް ފެރީގައި ހުޅުމާލެއަށް ގެންދާ އަގު ހަތް ރުފިޔާއިން 10ރ. އަށް ބޮޑު ކޮށްފައިވާއިރު ރޭސް ސައިކަލެއް 15ރ. އިން 20ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ހުޅުމާލެ ފެރީ ޓާމިނަލާއި ވިލިމާލޭ ފެރީޓާމިނަލްގައި އެމްޓީސީސީންދޭން ޕާކިން ޒޯންގެ ހިދުމަތުން ނަގާ އަގަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
ޕާކިން ޒޯންތަކުގައި ސައިކަލަކަށް 180ރ. މަހަކަށް ނެގި ނަމަވެސް ދެން މަހަކު 200ރ. ނަގާނެ އެވެ. ކާރު ޕާކިން ޒޯނަށް ކުރިން މަހަކަށް ނަގަމުން އައި 1000ރ. މިހާރު ހަމަޖައްސާފައި ވަނީ 1200ރ. ނަގާށެވެ.
ފާރިގް ވިދާޅުވީ އެމްޓީސީސީ ދެމުން އަންނަ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލު ގެނައީ އެކުންފުނީގެ މިދިޔަ އަހަރުން ފެށިގެން ޖީއެސްޓީގެ ދައްކަން ޖެހޭތީ ކަމަށެވެ.
"އަޅުގަނޑުމެން ދެމުންދާ މި ހިދުމަތުން މިދިޔަ އަހަރުން ފެށިގެން ޖީއެސްޓީ ދައްކަމުންދަން. އަޅުގަނޑުމެން އިތުރަށް ޖީއެސްޓީ ދައްކަމުންވެސް ހިދުމަތްހޯދާ ފަރާތްތަކުގެ އަތުން އަގެއް ނުނަގާ މިއައީ. އެހެން ނަމަވެސް ބޯޑުން ނިންމާފައި މިވަނީ އާންމު ފެރީ ދަތުރުތަކުގެ ޓިކެޓްގެ އަގަށް ބަދަލު ނުގެސް ބައެއް އެހެން ހިދުމަތްތަކުން އަގުތަކަށް ބަދަލުގެނަމަށް،" ފާރިގް ވިދާޅުވި އެވެ.
އެނާ ވިދާޅުވީ އަގުތަކަށް ގެނައި ބަދަލާއިއެކު ވެސް ޖީއެސްޓީގެ ގޮތުގައި އެ ކުންފުނިން ދައްކަމުންދާ އަދަދު ކަވަރު ނުކުރެވޭނެ ކަމަށާއި އެކަމަކު ލުޔެއް ލިބިގެންދާނެ ކަމަށެވެ.