05 Aug 2012, 15:18
އެއާޕޯޓުގެ ރަންވޭގެ މަރާމާތެއް ކުރުމަށް ގާތްގަނޑަކަށް ގަޑިއެއްހާއިރަށް އެއާޕޯޓު އޮޕަރޭޝަންތައް މެދުކަޑާލައިފި އެވެ.
ޖީއެމްއާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަރާމާތެއް ކުރުމަށް އެއާޕޯޓް ރަންވޭ ބަންދު ކުރީ މިއަދު މެންދުރު 2:05 އިން 2:50 އަށް ކަމަށެވެ. އަދި ވިދާޅުވީ އެއީ އާންމުކޮށް ކުރާ މަރާމާތަކަށް ބަންދުކުރި ބަންދު ކުރުމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ 3:00 ޖަހާއިރަށް ރަންވޭ ހުޅުވޭނެ ކަމަށް މިއީ، މިއީ އާންމު ރޫޓިން މަރާމާތެއް، މައްސަލައެއް ޖެހިގެނެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަންވޭ ބަންދު ކުރަން ޖެހުނު ނަމަވެސް ގިނަ ފްލައިޓްތަކެއްގެ އޮޕަރޭޝަނަށް ބުރޫނާރާ ކަމަށާއި އެގަޑީގައި ޖައްސަން ހުރި ބޮޑަތި ފްލައުޓްތައް ޑައިވާޓް ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"ކޮންމެވެސް ވަރަކަށް އޮޕަރޭޝަނަށް ބުރޫ އަރާފާނެ، ނަމަވެސް ފްލައިޓްތަކެއް ޑައިވާޓް ކުރަން ޖެހުނު ކަމުގެ މައުލޫމާތެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެފައި ވަނީ އެއާޕޯޓުގެ ރަންވޭ އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި އިތުރު ރަންވޭއެއް ނެހެދިއްޖެ ނަމަ ރަންވޭގެ ހާލަތު އިތުރަށް ގޯސްވެ އެއާޕޯޓް ބަންދުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެއާޕޯޓް މިހާރު ޑިވަލޮޕްކުރަމުން އަންނަ ގޮތުން ހުޅުލޭގައި އިތުރުރަންވޭއެއް ހެދުމަކީ އުނދަގޫކަމެއް ކަމަށެވެ.
އެ ޝަކުވާތަކާ ގުޅިގެން ޖީއެމްއާރުން މިހާރު ނިންމާފައިވަނީ އެމެޖެންސީ ރަންވޭއެއް ހެދުމަށެވެ. ނަމަވެސް ޖީއެމްއާރުގެ ސީއީއޯ އެންޑްރޫ ހެރިސަން މީގެ ކުރިން ވިދާޅުވެފައި ވަނީ އެއާޕޯޓުގެ ރަންވޭއަކީ ރަނގަޅު ހާލަތެއްގައި އޮތް ތަނެއް ކަމަށާއި އެފަދަ ރަންވޭތައް ބަލަހައްޓަން ޖެހޭ މިންގަނޑަށް ރަންވޭ ބަލަހައްޓަމުން ގެންދާ ކަމަށެވެ.
ރަންވޭގެ މަރާމާތުގެ މަސައްކަތްތައް ކުރަން ޖެހިގެން މިއަހަރުގެ ތެރޭގައި ވެސް ދެތިން ފަހަރެއްގެ މަތިން ރަންވޭ ބަންދުކުރަންޖެހުނެވެ.