ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު އަރުވާލަން ކުރި ހުކުމުގެ ތިން ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން އޭނާއަށް މައާފުދީފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) މިއަދު ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން އިސްމާއީލް އަބްދުލް ހަމީދަށް މައާފުކޮށްދީފައި ވަނީ ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ބާކީ އޮތް ބައި މާފުކޮށްދިނުމަށް ޕެރޯލް ބޯޑްގައި އިސްމާއިލް އެދި ވަޑައިގަތުމުން ކަމަށެވެ.

"ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން އިސްމާއިލް އަބްދުލް ހަމީދު ޕެރޯލް ބޯޑުގައި އެދިވަޑައިގަތީ ހުކުމުގެ ބާކީ އޮތްބައި މައާފުކޮށްދިނުމަށް. އެގޮތަށް އެދުމުން ޕެރޯލް ބޯޑުގެ ގަވާއިދުގެ ދަށުން ޕެރޯލް ބޯޑުން އިސްމާއިލް އަބްދުލް ހަމީދުގެ ހުކުމްގެ ބާކީ އޮތްބައި މާފުކޮށްފައި ވަނީ. އެއީ މީގެ މަހެއްހާ ދުވަސް ކުރިން،" ފަޔާޒު ވިދާޅުވި އެވެ.

ކްލެމެންސީ ބޯޑާއި ޕެރޯލްޑް ބޯޑް އޮވެ، ގާތްގަނޑަކަށް އެއްކަންތަކެއް ފަންކްޝަން ކުރަމުންދިޔަ ނަމަވެސް އިސްމާއިލަށް މާފު ދީފައި ވަނީ ޕެރޯލް ބޯޑުންނެވެ.

އިސްމާއިލް ދޮޅު އަހަރަށް އަރުވާލަން ކުރި ހުކުމްގެ ތިންބައިކުޅަ އެއްބައި ތަންފީޒު ކުރީ ކިހިނެތް ތޯ އެއްސެވުމުން އެފްއޭ ވިދާޅުވީ ހުކުމެގެ އެބައި ތަންފީޒު ކުރީ ގޭބަންދުގައި ބަހައްޓައިގެން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ހަމަޖެހިފައި އޮންނަނީ އަރުވާލަން ހުކުމް ކުރުމުން ގޭބަންދަށް ބަދަލުކުރާގޮތަށް ކަމަށާއި އެގޮތަށް އަމަލުކުރަނީ މީހުން އަރުވާލުމަށް ރަށްރަށް ފޮނުވި ނަމަވެސް ރަށު ކައުންސިލްތަކުން އެފަދަ އެމީހުން ބަލައިނުގަންނާތީ ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވިކަން ޝަރީއަތަށް ސާބިިތުވުމުން އިސްމާއިލް ދޮޅު އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 29 ގައެެވެ. އަދި އެ ހުކުމް އިސްތިއުނާފަށް ހުށަހެޅުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެއްވުމުން މި އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު އެ ކޯޓުން ވަނީ ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.