05 Aug 2012, 15:06
އިނގިރޭސި ވިލާތުގެ ކުރީގެ ބަންޑާރަ ނައިބު ބެރޮނަސް ސްކޮޓްލެންޑްގެ ގާނޫނީ ލަފާ ހޯދުމަށް ކަމަށް ބުނެ މިސަރުކާރުން އެކަމަނާ އަށް ދެ ހަފްތާއަށް 75000 ޕައުންޑް (1.8 މިލިއަން ރުފިޔާ) ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އެމައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ހުޅުމީދޫ ދާއިރާގެ އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރު އިލިޔާސް ލަބީބު ހުށަހަޅެޅުއްވީ އެ ހަރަދަކީ މާލިއްޔަތުގާނޫނާއި އަދި މާލިއްޔަތު ގަވާއިދާއި ހިލާފަށް އަދި މިއަހަރުގެ ބަޖެޓްގައި ހިމެނިފައި ނުވާ ހަރަދަކަށްވާތީވެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ކުރެއްވި އެހަރަދަކީ ކަރަޕްޝަންގެ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވާތީ ކަމުގައި އިލިޔާސްއާ ހަވާލާދީ އެމްޑީޕީން ބުނެފައިވެ އެވެ.
ބަންޑާރަ ނައިބުގެ ނަމުގައި އާޒިމާ ހިންގަވާފައި ވަނީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެ އަމަލެއް ހިންގާފައިވާތީވެ އެކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމަށް ވެސް އިލިޔާސް ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އާޒިމާ ވިދާޅުވީ އެކަމުގައި ކޮރަޕަޝަންގެ މައްސަލައެއް އުޅޭ ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގެންނަވާ ނަމަ އެ މަައްްސަލައެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދަވަންވީ ކަމަށާއި އެކަމަނާ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށް ވިދާޅުވި އެވެ.
"އޭސީސީން މައްސަލަ ބެލުމަށް އަޅުގަނޑު މަރުހަބާ ކިޔާނަން،" އާޒިމާ ވިދާޅުވި އެވެ.
ގޯޑަން ބުރައުންގެ ބޮޑުވަޒީރުކަމުގައި އިނގިރޭސި ވިލާތުގެ އެޓާނީ ޖެނެރަލެއްގެ މަގާމު ފުރުއްވާފައިވާ އަދި ލޭބާ ޕާޓީގެ ޝެޑޯ ކެބިނެޓްގައި އެޓާނީ ޖެނެރަލެއްގެ މަގާމުގައި ހުންނެވި ބެރޮނަސްގެ ގާނޫނީ ލަފާ ރާއްޖޭގެ ސަރުކާރުން ހޯދާފައިވާ ކަމަށް އިނގިރޭސި ނޫސް ޑެއިލީ މެއިލްއިން ބުނެފައިވާ ޚަބަރާ ގުޅިގެން ކޮމަންވެލްތުގެ މައްސަލައިގައި ސަރުކާރުން އެކަމަނާގެ ގާނޫނީ ލަފާހޯދާފައިވާ ކަމަށާއި އެކަމަނާގެ ފީއަށް ދައްކާފައިވާ 75000 ޕައުންޑަކީ އޭޖީ އޮފީހުގެ ބަޖެޓްގެ ތެރެއިން އެފަދަ ކަންކަމަށް ހާއްސަކުރެވިފައިވާ ބަޖެޓްކޯޑުން ކޮށްފައިވާ ހަރަދެއް ކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުން މީގެ ކުރިން ވެސް ބޭރުފަރާތްތަކުގެ ގާނޫނީ ލަފާހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރަށް ހޯދާފައިވާ ގާނޫނީ ލަފައަށް 10 މިލިއަން ޑޮލަރު އަރާފައިވާ ކަމަށް ވެސް އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި އާޒިމާ ވިދާޅުވި އެވެ.