މިއަހަރު ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު 108 ފަރާތަކުން އިނާމަށް ހުށަހަޅާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ބުނެފި އެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާމަން އަދި ކުރީގެ ވަޒީރު އަބްދުއްރަޝީދު ހުސައިން މިއަދު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ ގިނައިން މިއަހަރު ގައުމީ އިނާމަށް އެދި ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

މިއަހަރު 108 ފަރާތެއް ފޯމް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު ފޯމް ހުށަހެޅީ 102 ފަރާތެކެވެ.

އަބްދުއް ރަޝީދު ވިދާޅުވީ ގައުމީ އިނާމް ދިނުމުގެ ދާއިރާތަކަށް ބަދަލު ގެނައުމަށް މިނިސްޓްރީތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި މުއައްސަސާތަކުގެ އެދުމުގެ މަތިން އިނާމް ދިނުމުގެ ދާއިރާތަކާއި އޮނިގަނޑަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.

"މިފަހަރުގެ ދާއިރާތައް ކުރީ ފަހަރަށް ވުރެ ގިނަ، އެހެންވީމަ ކުރީ ފަހަރަށް ވުރެ މިފަހަރު ކުރަންޖެހޭ މަސައްކަތް ބުރަވާނެ. ހުށަހަޅުއްވާފައިވާ ބޭފުޅުންގެ އަދަދު ގިނަކަމާއި މުއައްސަސާތަކުން ހުށަހަޅުއްވާފައި ހުށަހެޅުއްތައް ގިނަ ކަމާއި އަދި މައުލޫމާތުގެ ތަނަސްވަސްކަމުން ކުރަންޖެހޭ މަސައްކަތް ބޮޑުވާނެ،" މިހާރު ވެސް އިތުރު އެހެން ކޮމެޓީތަކުގައި އުޅުއްވާ އަބްދުއްރަޝީދު ހުސައިން ވިދާޅުވި އެވެ.

ގައުމީ އިނާމްގެ ދާއިރާތަކަށް ބަދަލު ގެނައުމަށް މިނިސްޓްރީތަކުން ދީފައިވާ ލަފައާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގެ ބަދަލުގައި ދަނޑުވެރިކަމުގެ ވަކި ހާއްސަ މަސައްކަތްތައް ކަނޑައަޅާފައިވާ ކަމަށެވެ.

"ބައެއް އޮފީސްތަކުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ހުރި މިސާލަކަށް އެގްރިކަލްޗަރަލް ދާއިރާއިން. ކުރީގަ އޮންނަނީ ދަނޑުވެރިކަމުގެ ދާއިރާ އެކަނި ޖައްސަވާފައި. އޭގެ ބަދަލުގައި ދަނޑުވެރިކަމުގެ އެކިއެކި މަސައްކަތްތައް ވަކިވަކިން ޖައްސަވާފައި ފޮނުއްވާފައި އެބަހުރި. ކުޅިވަރުގެ ދާއިރާގައި ކުރިން ޖައްސަވާފައި އޮތީ 'ކުޅިވަރު' އެކަނި ވަރަށް ކުރުކޮށް. އޭގެ ބަދަލުގައި ދާއިރާތައް ވަކިވަކިން ޖައްސަވާފައި ހުންނާނީ،"

މިއަހަރު ގައުމީ އިނާމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން ގައުމީ އިނާމްގެ 29 ދާއިރާގެ ތެރެއިން 24 ދާއިރާއަކަށް ފޯމް ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރު ގައުމީ އިނާމަށް ހުޅުވާލި ފުރުސަތުގައި 28 ދާއިރާތަކުގެ ތެރެއިން 22 ދާއިރާއަކަށް 102 ފަރާތަކުން ފޯމް ހުށަހެޅި އެވެ. މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ދެބޭފުޅަކަށެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތީ 13 ބޭފުޅަކަށެވެ. އަދި ކުންފުންޏަކަށްވެސް ހިތްވަރު ދިނުމުގެ އިނާމު ލިބުނެވެ.