05 Aug 2012, 14:51
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެގެން އެކި ގޮތްގޮތުން އަނިޔާ ލިބިވަޑައިގެންފައިވާ އިބްރާހިމް ލުތުފީ (ސަންދާން ލުތުފީ) ސްވިޒަލޭންޑްގައި އަމިއްލަ ފުޅަށް އަރުވާލެވިގެން ހުންނަތާ ނުވަ އަހަރު ފަހުން އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ސަންދާނު ލުތުފީ 2002 ވަނަ އަހަރު އުމުރަށް ޖަލަށް ލުމަށް އޭރުގެ ސަރުކާރުން ހުކުމްކުރި އެވެ. ޖަލުގައި ދުވަސްތައް ހޭދަކުރައްވަމުން ދަނިކޮށް 2003 ވަނަ އަހަރު ލޮލުގެ އާލާސްކަންފުޅެއްގައި ރާއްޖޭން ބޭސްކުރެއްވި ނަމަވެސް ލޮލުގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން ހަމަ އެ އަހަރުގެ މޭ މަހު ސަރުކާރުން އޭނާ ބޭސްފަރުވާއަށް ލަކަންކާއަށް ފޮނުވާލި އެވެ. އެއާ އެކު ލުތުފީ ދިވެހި ސަރުކާރަށް ފިއްލަވައިގެން ހަ މަސް ދުވަސް ހޭދަކުރެއްވުމަށް ފަހު އދ.ގެ ރެފިއުޖީއެއްގެ ގޮތުގައި އެ ޖަމާއަތުން ބަލައި ގަނެ އޭނާ އަށް އޮކްޓޯބަރު 13، 2003ގައި ސްވިޒަލޭންޑުން ހިމާޔަތް ދިނެވެ. އެދުވަހަށް ފަހު އާއިލާޔާ އެކު ދިރިއުޅުއްވަމުން ގެންދަވަނީ ސުވިޒަލޭންޑުގަ އެވެ.
އިއްޔެ މާލެ ވަޑައިގަތުމަށް ފަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި ލުތުފީ މިއަދު ވިދާޅުވީ ނުވަ އަހަރަށް ފަހު މާލެ ވަޑައިގަތުމުން ފެނިވަޑައިގަތީ ވީރާނާވެފައިވާ އަދި ހަމަ ގެއްލިފައިވާ މާލެއެއް ކަމަށާއި މިއީ ދިވެހިރާއްޖެ އާ މެދު އޭނާ ދެކެން ބޭނުންވި ދުވަހެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ފެނުނީ ހިތާމަވެރި މަންޒަރުތަކެއް. މާލޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލި ޖަންގަލީގެ ގާނޫނު މިތަނުގައި އޮތްތަން. އަޅުގަނޑަށް މިފެންނަނީ ވީރާނާވެފައިވާ މާލެއެއް. އަޅުގަނޑު އިއްޔެ މާލެ ތެރެ ބަލައިލި އިރު އެއްވެސް އުސޫލެއް ނެެތް. ހަމައެކަނި ޓްރެފިކަށް ބެލިޔަސް މިފެންނަނީ އެކަން، އެއްވެސް ހަމައެއް ނެތް. ހިތަށް އެރިގޮތަކަށް މީހުން އުޅެމުން ދިޔަ ތަން،" ލުތުފީ ވިދާޅުވި އެވެ. "މިއީ އަޅުގަނޑު ވެސް އުޅެބޮޑުވިތަން، އަޅުގަނޑުގެ ހިތުގައި ވެސް މި ގައުމަށް ލޯތްބާއި ގައުމާ މެދު ދެކުނު ތަސައްވަރެއް އޮތް. އެކަމަކު މިއީ އޭރު ދެކުނު ހިޔާލު ވެސް ކުރި ކަންކަމެއް ނޫން، މިއީ އެއަށް ވުރެ ހިތްދަތިކަންކަން،"
ލުތުފީ އަނބުރާ މާލެ ވަޑައިގަތީ ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީއެއްގަ އެވެ. އޭނާ ވިދާޅުވީ މާލެ ވަޑައިގަތީ ބައްޕަޔާއި މަންމަޔާއި އަދި ރައްޓެހިންނާއި ގާތްތިމާގެ މީހުންނާ ބައްދަލުކޮށްލެއްވުމަށެވެ.
"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުގެ ދެ ވަނަ ގައުމަކީ އަދި އަޅުގަނޑު ހާލުގައި ޖެހުނު ދުވަހު އެހީވި މީހުންނަކީ ސުވިޒަލޭންޑް، އަޅުގަނޑަކީ ދިވެއްސެއް. އެކަމަކު އަޅުގަނޑުގެ ދަރިންނާއި މީހުން ވެސް އެކޮޅުގައި ވަޒަންވެރިވެ ދިރިއުޅެމުން ދާތީ އަޅުގަނޑަށް މިކޮޅުގައި އުޅެވޭކަށް ނެތް،" ލުތުފީ ވިދާޅުވި އެވެ.
ރައީސް މުހަންމަދު ނަޝީދު ވެސް އިސްކޮށް ހިންގެވި އިސްލާހީ ހަރަކާތްތަކުގެ ބޮޑު ރޯލެއް ވެސް އަދާކުރެއްވި ލުތުފީ ވިދާޅުވީ އޭނާ އޭރު ވެސް މަސައްކަތް ކުރެއްވީ ރާއްޖޭގައި ރަނގަޅު ނިޒާމެއް ގާއިމްކޮށް ހެޔޮ ރައްޔިތެއް އުފެއްދުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން މުޅި ސިސްޓަމް ހިސޯރު ކުރައްވައި ބޭނުން ގޮތަކަށް ކަންކަން ކުރެއްވިތަން ފެނިވަޑައިގެންނެވުމުން ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
"މުޅި ނިޒާމު ހިސޯރުކުރައްވައިގެން ބޭނުން ގޮތަކަށް ޑިކްޓޭޓް ކުރައްވަމުން ގެންދިޔައީ. މިއީ ހުޅަނގުގެ ޑިމޮކްރަސީއެއް ނޫން. ކެބިނެޓަށް އަބުރު ގެއްލިފައިވާ ބޭފުޅުންނާއި އެގޮތަށް އެތައް ކަމެއް ކުރައްވަމުން ގެންދެވީ. އަޅުގަނޑަކަށް އެކަންތައްތައް ގަބޫލެއް ނުކުރެވުނު، މިއީ ހުޅަނގުގެ ޑިމޮކްރަސީއެއް ނޫން. އަޅުގަނޑު އުންމީދުކޮށްގެން ހުރީ ރަނގަޅު ހެޔޮ އިސްލާމީ އުސޫލުތަކުގެ މަތީގައި ދެމި އޮންނަ ގައުމެއް އަންނާނެ ކަމަށް،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީއަށް މައުމޫންގެ ސަރުކާރުން އިއްވާފައިވާ ހުކުމްތަކަށް މާފުދެއްވީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އެޕްރީލް 11، 2010 ގަ އެވެ. ނަމަވެސް ލުތުފީ ވިދާޅުވީ އޭނާ އަށް ރާއްޖޭގެ ދަތުރުކުރުމަށް ދިވެހި ޕާސްޕޯޓަކަށް އެދިވަޑައިގެންނެވި ނަމަވެސް އެ ޕާސްޕޯޓް ލިބުނީ ބޮޑެތި މަސައްކަތްތަކެއްކޮށްގެން މިދިޔަ އަހަރު ކަމަށެވެ.
ޕާސްޕޯޓް ލިބިވަޑައިގަތުމުން ވެސް ރާއްްޖެ ވަޑައިގަތުމަށް ފަސްޖެހިވަޑައިގަތް ކަމަށް ލުތުފީ ވިދާޅުވި އެވެ.
"ދެން އަޅުގަނޑަށް ފެނުނީ ]ެރައީސް ނަޝީދު[ އިސްތިއުފާ ދެއްވިތަން. އޭގެ ފަހުން އައު ސަރުކާރެއް އައިމާ އަޅުގަނޑު އަންނަން މަސައްކަތް ކުރި ނަމަވެސް އޭރު ދަރިފުޅު ބަލިވީމާ އަޅުގަނޑަށް އާދެވޭ ގޮތްނުވީ. ދެން ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މިއައީ،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދާ ބައްދަލުކުރައްވަން އެދިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. ރާއްޖެއާ މެދު އޭނާ ދެކޭ ގޮތުގެ ތަސައްވަރެއް ވެސް ލުތުފީ ހިއްސާ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ މިއަދު މި އޮތް ހާލަތަކީ ކޮންމެ ފަދަ ކަމެއް ވެސް ގައުމަށް ކުރިމަތިވެދާނެ ފަދަ ހާލަތެއް ކަމަށާއި ވެރިކަން ގަސްތުގައި ބަލިކަށިކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިއަދު ގައުމު މިއޮތީ ވަރަށް އެހެން ކަހަލަ ފައްތަރެއްގައި. ދެން ވާނެ ގޮތެއް ނޭނގޭ ވަގުތެއްގައި. ކޮންމެ ކަމެއްވެސް ވެދާނެ. މިއަދު މަސައްކަތް އެބަ ކުރޭ ވަކި ގޮތަކަށް ރޭވިގެން. ރޭ ވެސް އަޅުގަނޑަށް ފެނުނު މަންޒަރަކީ ދަންޖައްސަން ގޮވަމުން ބަޔަކު ހިނގަމުން ދިޔަތަން. މީހަކަށް އިހުތިރާމް ކުރުމެއް ނެތް، މުސްކުޅިންނަށް އަޅާލުމެއް ނެތް، ހިތައް އެރިގޮތަކަށް މަސައްކަތް ކުރާތަން މިފެންނަނީ. މިގޮތަށް މި ގައުމު މީންދުވަހަކު ރަނގަޅެއް ނުވާނެ،" ލުތުފީ ވިދާޅުވި އެވެ.