05 Aug 2012, 14:31
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މަސައްކަތްކުރި ކޮމިއުނިޓީ ހެލްތް އޮފިސަރުންނާއި، ފެމިލީ ހެލްތް އޮފިސަރުން އެހެން އިދާރާއަކަށް ސިވިލްސަވިސް ކޮމިޝަން (ސީއެސްސީ) އިން ބަދަލުކޮށްފައި ވާތީ އެ މައްސަލަ ހިތަދޫ ކޯޓަށް ހުށަހަޅައިފި އެވެ.
އައްޑޫ ސިޓީން ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގައި މަސައްކަތްކުރި ކޮމިއުނިޓީ ހެލްތް އޮފިސަރުންނާއި، ފެމިލީ ހެލްތް އޮފިސަރުން އެހެން އިދާރާއަކަށް ބަދަލުކޮށްފައިވަނީ އެ އިދާރާއާއި އެއްވެސް މަޝްވަރާކުރުމެއްނެތި ކަމަށެވެ.
އަދި އޭގެ ސަބަބުން ގާނޫނީ އެތައް މައްސަލަތަކެއް އުފެދި ޕްރައިމަރީ ހެލްތް ކެއާ އާއި ސިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ހިދުމަތް ދިނުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
"މި އިދާރާގައި މަސައްކަތްކުރާ ހެލްތް އޮފިސަރުންނާއި ފެމިލީ ހެލްތް އޮފިސަރުންގެ މަގާމުތައް އުވާލައި އެ މުވައްޒަފުން އެހެން އިދާރާއަކަށް ސިވިލް ސަރވިސް ކޮމިޝަނުން ބަދަލުކުރިއިރު ޕްރައިމަރީ ހެލްތް ކެއަގެ ދަށުން ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމާއި، އެކުދިން ކިރުމުގެ އިންތިޒާމް ވަނީ ބޮއްސުންލާފައެވެ." ބަޔާނުގައި ވެއެވެ. "އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ގާނޫނު ލާޒިމްކުރާ، ކަންކަން މި އިދާރާއިން ކުރަމުން އަންނަނިކޮށް، ދައުލަތުގެ އެހެން މުއައްސަސާއަކުން މި އިދާރާއާ ގާނޫނީ ގޮތުން ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަނީ ނިގުޅައިގެންފަ އެވެ. މި މައްސަލަ ބަލައި ދިނުމަށް މިހާރުވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ،"
އެ މަައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގެ ތޭރޭގައި ކަމަށާއި މިހާތަނަށް ރަސްމީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު މެޖިސްޓްރޭޓުން ތިއްބެވީ ޗުއްޓީގައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ސީއެސްސީން އަމަލު ކޮށްފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) ގައިވާ ގޮތާއި މުޅިން ހިލާފަށް ގާނޫނަށް އެއްވެސް ހުރުމަތްތެރިކޮށް ހިތުމެއް ނެތި ކަމަށާއި ސީއެސްސީ އާއި ހެލްތު މިނިސްޓްރީގެ ފިޔަވަޅުގެ ސަބަބުން އެ އިދާރާގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަންކަން ކުރަން ހުރަސްތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"ގާނޫނަށް އެއްވެސް އިޙުތިރާމް ކުރުމެއްނެތި، އައްޑޫސިޓީ ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއްނެތި، ސިވިލް ސާވިސް ކޮމިޝަނުން މި ނިންމި ނިންމުމަކީ، ވަރަށް ޒިންމާދާރުކަންކުޑަ ނިންމިމުމެއް ކަމުގައި އައްޑޫސިޓީ ކައުންސިލުން ގަބޫލު ކުރަމެވެ. ސިވިލް ސަވިސް ކޮމިޝަންގެ މި އަމަލު އައްޑޫސިޓީ ކައުންސިލުން ކުށްވެރިކުރަމެވެ،" އައްޑޫ ސިޓީން ވަނީ ބުނެފަ އެެވެ.
މި މައްސަލައާ ގުޅިގެން ސީއެސްސީގެ ބަހެއް ހޯދަން މިއަދު ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.