ޓެކްސްއާ ގުޅޭ ކުށްތައް ތަހުގީގް ކުރުމުގައާއި އެފަދަ ކަންކަމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމާ ބެހޭ އެމްއޯޔޫއެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ދެމެދު ސޮއިކޮށްފި އެވެ.

މީރާގައި ރޭ ބޭއްވި ހަފްލާއެއްގައި އެ އެމްއޯޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އެވެ. އަދި ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.

މީރާ އިން ބުނީ އެމްއޯޔޫގެ ސަބަބުން ދެ މުއައްސަސާ އިން ތަންފީޒުކުރާ ޤާނޫނުތައް މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމުގެ ފުރުޞަތު ހުޅުވިގެންދިއުމުގެ އިތުރުން ދެ މުއައްސަސާގެ ވަސީލަތްތައް ހިއްސާކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.

އަދި ޓެކްސްގެ ދާއިރާ އިން ކުރެވޭ ޖިނާއީ ކުށްތައް ތަހުޤީޤުކޮށް، ދަޢުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމުގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުމާއި ހަމަ އެފަދައިން ކޮމާޝަލް ކްރައިމްސް ތަހުޤީޤުކުރުމުގައި ޓެކްސް އާ ގުޅުން ހުރި ދާއިރާތަކުގައި މީރާގެ މުވައްޒަފުންގެ ޓެކްނިކަލް ނޮލެޖް މޯލްޑިވްސް ޕޮލިސް ސަވިސް އަށް ލިބިގެންދާނެ ކަމަށެވެ.