20 Jul 2025, 10:24
ތިމާގެ އަމިއްލަ ސިފަ ރީތިކޮށްލުމުގެ ބޭނުމުގައި ޕްލާސްޓިކް ސާޖަރީ ހެދުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭ ކަމުގައި ފިލްމު "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާ ޚުޝީ ކަޕޫރު ބުނެފިއެވެ.
އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ބުނީ އޭނާ އަކީ ވެސް އަމިއްލަ ސިފައަށް ބަދަލު ގެނައުމަށް ސާޖަރީތަކެއް ހަދާފައިވާ މީހެއް ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޚުޝީ ވަނީ އަމިއްލަ ސިފައަށް ބަދަލު ގެނައުމުގެ ގޮތުން 10އެއް ނުވަތަ 20 ސާޖަރީ ހަދާފައި ކަމަށާއި އެއީ މުޅިން ތެދު މައުލޫމާތުތަކެއް ނޫން ކަމަށް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.

ޚުޝީ އަދި ޖާންވީ މަންމަ ސްރީދޭވީއާ އެކު--ފޮޓޯ/ފިލްމުފެއަ
ފިލްމު "ދަ އާޗީސް"އަށް ފަހު އިތުރު ދެ ފިލްމަކުން ފެނިފައިވާ ބަތަލާ ބުނެފައި ވަނީ، އޭނާފަދަ މިފަހުން ފިލްމީ ދާއިރާއަށް ތައާރަފުވާ ގިނަ ފިލްމީ ތަރިންނަކީ ވަރަށް ގިނަ ޒުވާނުން ސޯޝަލްމީޑިއާގައި އެމީހުން ފޮލޯކުރާ ބައެއް ކަމަށާއި އޭގެތެރޭގައި ވެސް އަމިއްލަ ސިފަ ރީތިކުރަން ޝައުގުވެރިވާ ގިނަ ބަޔަކު ތިބޭނެ ކަމަށެވެ.
އެހެންކަމުން އެފަދަ ޒުވާނުންނަށް ހިތްވަރު ދިނުމަކީ ކޮންމެވެސް އެއްބަޔަކު ކުރަންޖެހޭ ކަމެއް ކަމަށާއި ކޮސްމެޓިކް ސާޖަރީ ތަކަކީ ގިނަ ބަޔަކު ސިފަކުރާހާ ނުރައްކާތެރި އެއްޗެއް ނޫން ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.
އާއްމުކޮށް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ ފިލްމީ ތަރިންނަކީ ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވާ ތަރިން ކަމަށްވާއިރު ފިލްމީ ތަރިންގެ ސިފައަށް ފާޑުކިޔުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެއް ކަމަށް ޚުޝީ ވަނީ ބުނެފައެވެ.
އެހެންކަމުން ފިލްމީ ތަރިއަކު ކޮސްމެޓިކް ސާޖަރީއެއް ހެދިޔަސް ނުހެދިޔަސް އާއްމުން ފާޑު ނުކިޔާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ ކަމަށާއި އޭނާ އަކީ އެފަދަ ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއްދޭ މީހެއް ނޫން ކަމަށް 25 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
ބަތަލާ ޖާންވީ ކަޕޫރުގެ ކޮއްކޮ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމީ ދާއިރާއަށް ތައާރަފްވި "ނާދާނިޔާ"އިންނެވެ.