ޔޫއެން އޮފީސް ކައިރީ ސެކިއުރިޓީ ބަލަހައްޓަން ތިބި ދެ ފުލުހަކަށް އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެމީހާ ހައްޔަރު ކުރީ އިއްޔެ މެންދުރު ފަހު އޭނާ ގަވާއިދާ ޚިލާފަށް ސައިކަލު ދުއްވަމުންދަނިކޮށް ލައިސަންސް ދައްކަން ބުނުމުން ފުލުހުންނާ ދިމާލަށް ހަޑިހުތުރުބަހުން މުޚާތަބު ކޮށްގެން އިންޒާރުދީ ހެދުމުން ކަމަށެވެ.

އަދި އެ ވަގުތު އެމީހާގެ އަތުގައި ބިޑިއަޅުވައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކ. ކާށިދޫގައި ޑިއުޓީ އަށް ދިޔަ ފުލުހަކަށް ހަމަލާދި މަރާލި ފަހުން ފުލުހުންނަށްދޭ އިންޒާރުތަކުގެ މައްސަލަތައް އަންނަނީ ސީރިއަސްކޮށް ބަލައި ތަހުގީގު ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ގައިގައި ތަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ފޯންކޯލެއްގެ މައްސަލަ ވެސް އަންނަނީ ސީރިއަސްކަމާ އެކު ތަހުގީގު ކުރަމުންނެވެ.