05 Aug 2012, 14:13
ގާނޫނާ ހިލާފަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ، ރ. ހުޅުދުއްފާރު ބަހާރުގޭ، އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން އިސްތިއުނާފު ކޮށްފި އެވެ.
މި އިސްތިއުނާފުގައި ނަޝީދާއެކު ދެން ދައުވާ ލިބެނީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭ ކޯޓުން އަނބުރާ އެ މައްސަލަ ފޮނުވާލާފައިވާތީ އެ ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅީ މިއަދު ކަމަށާއި ހައިކޯޓުން ވެސް މިހާރު އެ މައްސަލަ ބަލައިގެންފައިވާކަމަށެވެ.
"ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން ޕީޖީ އޮފީހުން މިއަދު ވަނީ ހުޅުމާލޭ ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހަޅާފަ. ހައިކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފަ،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލެ ކޯޓުން އޭރު ޕީޖީއަށް އަންގާފައި ވަނީ ނަޝީދުގެ މައްޗަށް ދައުވާ ކުރަން ހުޅުމާލޭ ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓްގައި ބެލުމުގެ އިހުތިސޯސް ލިބޭ މައްސަލެއް ކަމަށް ނުފެންނަ ކަމަށާއި އެ މައްސަލަ އެކޯޓްގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުން އަލުން މުރާޖާ ނުކުރާނެ ކަމަށެވެ.
އިސް ގާޒީގެ މައްސަލައިގައި ނަޝީދާއި ތޮލްހަތާއި މޫސާ އަލީ ޖަލީލާއި އިބްރާހިމް ދީއާއި ޒިޔާދުގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ އެއީ ކުށެއް ނުކުރާ މީހަކު ގާނޫނާއި ޚިލާފަށް ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގަ އެވެ.
ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.