27 Aug 2010, 09:10
14:13
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހާޒިރުވެވަޑައިނުގަންނަވާ ގޮތަށް ސަރުކާރުން ހަމަޖެއްސީ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ޤާނޫނު އަސާސީގައި ވަޒީރުންނާއި ސަރުކާރުގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ދެއްވުމަށް އަދި އެބޭފުޅުން ބޭނުންވާ ކަންކަމުގައި މައުލޫމާތު ސާފުކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންވެގެންވާ ކަމަށާއި އެގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދަރީވަމުން ގެންދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރުގެ އިސް މުވައްޒަފުން ހާޒިރުކުރުމުގައި ސިޔާސީ އިސް ބައެއް ފާރާތްތަކުގެ އަމިއްލަ މަސްލަހަތު، ވަކިން ހާއްސަކޮށް ސިޔާސީ އިސް ދެ ލީޑަރެއްގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެން އެކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރެވިގެން ސަރުކާރުން އިތުރަށް ބެލިބެލުމުން އެ ނޫން ގޮތެއް އެކަމުގައި ނެތް ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް ޒުހެއިރު ވިދާޅެއްނުވެ އެވެ.
ޒުހެއިރު ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުންނާ ސަރުކާރުގެ އިސް ބޭފުޅުން ހާޒިރުވެވަޑައިގެންފައި ވަނީ އޭރު ކޮރަޕްޝަންގެ މައްސަލަތައް ފަދަ މައްސަލައެއް މަޖިލީހުގެ އެއްވެސް ބޭފުޅަކާ މެދު ކުރެވިފައިނުވާތީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހާޒިރުވެވަޑައިނުގަންނަވާނެ ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ ހާޒިރުކުރުމުގައި މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވ، ޤާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. ވަޒީރުންނާއި ސަރުކާރުގެ މުވައްޒަފުން ކޮމިޓީތަކަށް ހާޒިރުވެވަޑައިނުގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ރައީސް އަށް އަންގަވާފަ އެވެ.
ރާއްޖެއަށް އުދުވާނެއްދީ ރައީސް ނަޝީދާއި ސިޔާސީ އިސްބޭފުޅުންތަކެއް އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ޑީއާރުޕީން އާއްމުކޮށްފައިވާ މައުލޫމާތުތަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިން ހާޒިރުވެވަޑައިނުގެންނެވުމުގެ އެ ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފައިވާއިރު އިއްޔެ ބާއްވަން ހަމަޖައްސާފައި އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ވެސް ފުލުހުންނާއި ސިފައިންގެ އިސްވެރިން ހާޒިރުވެވަޑައިގެންފައިނުވުމުގެ ސަބަބުން އެކޮމިޓީގެ ބައްދަލުވުން ވެސް ކެންސަލްކޮށްފައިވާ ކަމަށް އެ ކޮމީޓީން ވަނީ ބުނެފަ އެވެ.