ށ. މިލަންދޫގައި ދެމަފިރިއެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި އަންހެން މީހާ އަށް ވަޅިއަކުން ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަންހެން މީހާ އަށް ހަމަލަދީފައި ވަނީ 12 އިންޗީގެ ވަޅިއަކުން ކަމަށާއި އެ ހާދިސާގައި މާސިރިއަސް ޒަޚަމެއް އަންހެން މީހާއަށް ލިބިފައިނުވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފިރިމީހާގެ ހަމަލާގައި އަންހެން މީހާގެ ފޫކޮޅު މަސްގަނޑުން ދެ އިންޗިހާތަން ވަނީ ޒަޚަމްވެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 60 އަހަރުގެ ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި އޭނާގެ 30 އަހަރުގެ އަނބިމީހާ އަށް ހަމަލަދިން މައްސަލަ ކައުންސިލް އިދާރާ އިން ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 10:45 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

މިލަންދޫ ކައުންސިލް އިދާރާ އިން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މާލެ، ސައުތު ބުރީޒް، އަހުމަދު ރާޝިދު ކަމަށެވެ.