އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޕާލިމެންޓްރޫގްރޫޕުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު (އިބޫ)މިއަދު ވިދާޅުވީ މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން މިވަގުތު ވެސް ހައްލެއް ހޯދުމަށް މަސައްކޮށް ވީހާ ވެސް އަވަހަކަށް މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެނެދެވޭނެ ގޮތެއް ހޯދައިދިނުމަށް މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދުގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު މިއަދު ވެސް މި ގޮވާލަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ރޭގައި މަޖިލިހުގެ ރައީސް ނެރުއްވި ބަޔާނުގައިވާ ގޮތަށް މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރަކޮށް މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެނެދެވޭނެ ގޮތެއް އަވަހަށް ހޯދުމަށް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތައް ތަމްސީލުކުރާ އިސްފަރާތްތަކާ އެކު މަޖިލިހުގެ ރައީސް ޝާހިދު މަޝްވަރާކުރައްވަފައިވާ ކަމަށާއި އެކަމަށް އެމްޑީޕީން މަރުހަބާ ކިޔާ ކަމަށެވެ.

"އެންމެ ވަގުތުކޮޅެއް ވެސް މަޖިލިހުގެ ޖަލްސާއެއް ހުއްޓިފައި އޮންނާކަށް މަސައްކަތް ނުކުރެވި އޮންނާކަށް އަޅުގަނޑުމެން ބޭނުމެއްނޫން. އެކަމު މަޖިލިހުގެ ޖަލްސާތައް ވެގެން ދާންޖެހޭނީ އޭގޭ އުފެއްދުން ތެރި މަސައްކަތްތަކެއް ކުރެވޭ ތަނަކަށް. އެތަނަށް ވަދެފައި ކޮންމެ ދުވަހަކު އަމަލީ ގޮތުން މަސައްކަތްތަކެއް ނުކުރެވި އެނަމުގައި އެޅޭކަށް އެތަނަށް ދިއުމުގެ ބޭނުމެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މިއަދު މަޖިލިހުގެ ހާއްސަ ޖަލްސާގައި އެމްޑީޕީން ދެއްކި ޑިމޮކްރަސީގެ ރީތި ނަމޫނާ ބަލައިގަނެ ކުރިއަށް އޮތްތާގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ މަގު ހުޅުވިފައިވާ ކަމަށާއި މަޝްވަރާތަކާ އެކު މަޖިލިހުގެ ޖަލްސާތައް ފެށޭނަކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ހުއްޓި ކޯރަމްގެ މައްސަލަތައް ދިމާވެގެން ދިޔައީ ހަތެއް ފެބުރުއަރީއަށް ފަހުގައި ކަމަށާއި އޭގެ ފަހުން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އޯނާރޝިޕް ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕަޓީތަކުން ނުނެގުމުގެ ސަބަބަން މަޖިލިސް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ދިމާވެގެން އުޅޭނީ ކަމަށެވެ.

"އަޅުގަނޑުމެން ދުށް ގޮތުގައި ރޫލް އޮފް ލޯ ނެތްތަނެއްގައި އޮންނާނެ އިތުރު އެއްޗެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ގާނޫނޫ ހަދާ މީހުން ރައީސް ނަޝީދުގެ ސަރުކާރުން ގާނޫނާއި ހިލާފަށް ތުހުމަތުކުރަކަމަށް ބުނެ ވެރިކަމުގެ ބާރު ތަކާއި ހަވާލުވި ބައެއްމީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މަޖިލިހުގައި ކަންކަން ހައްލުކުރުމުގައި ރައީސް ޑރ. މުހައްމަދު ވަހީދުގެ ޕާޓީ އަށް ނިސްބަތްވާ މެންބަރަކު މަޖިލިހުގައި ނެތުމަކީ ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މަޖިލިހަށް ދިމާވާ ކަންކަން ހައްލުކުރުމަށް ގައުމީ އިއްތިހާދަށް ނިސްބަތްވާ މެންބަރަކު މަޖިލިހުގައި އިންނެވުން މުހިންމު ކަމަށެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ ހަތެއް ފެބުރުއަރީގެ ފަހުން ރިޔާސީ ބަޔާން އިއްވުމަށް ފަހު ރިޔާސީ ބަޔާނަށް 14 ދުވަހުގެ ތެރޭގައި ޖަވާބު ދާރީ ވުމަށް ބުނެފައި ވީނަމަމަވެސް މިހާތަނަށް ވެސް އެކަމަށް ޖަވާބުދޭނީ ކޮންފަރާތެއްކަން ވެސް ކަނޑއެޅިގެން ނުދިޔަ ކަމަށާއި ހަތެއް ފެބުރުއަރީގައި އައި ބަދަލުތަކަށް ފަހު މަޖިލިހުގައި ކަންކަން ކުރާނެ ގޮތުގެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމަކީ ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

އެމްޑީޕީން މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގޮވާލި އިރު މަޝްވަރާގެ މަގުން ކަންކަން ހައްލު ކުރެވޭތޯ މަސައްކަތްކުރެއްވިއްޖެ ކަމަށާއި ދެން ރައްޔިތުން މަޖިލީހުގައި އޮންނާނީ ހަނގުރާމަ ކުރުން ކަމަށް އަލީ ވަހީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޭ އެޕާޓީން ބޭއްވި ޖަލްސާގައި ވިދާޅުވެފަ އެވެ.

އަލީ ވަހީދު ވިދާޅުވީ ވޭތުވި ފަސް މަސް ދުވަސް ހޭދަކުރީ މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރެވޭތޯ ކަމަށާއި މަޖިލީހުގައި ހަނގާރަމައެއް ކުރަން އެމްޑީޕީން ނިންމީ މަޝްވަރާއިން ނަތީޖާއެއް ނުނިކުތުމުން ކަމަށެވެ.