ބޮލީވުޑްގެ މަގުބޫލު ސިލްސިލާ ފިލްމުތައް ނުވަތަ ފްރެންޗައިސްތަކުގައި މަސައްކަތް ކުރަން ލިބޭ ފުރުސަތަކީ ކޮންމެ އެކްޓަރަކަށް ވެސް ހައްގު ފުރުސަތުތަކަކަށް ވާންޖެހޭ ކަމަށް އެކްޓަރު ރިތޭޝް ދޭޝްމުކް ބުނެފިއެވެ.

ދާދިފަހުން ރިލީޒްކުރި ފިލްމު "ރެއިޑް 2" އަދި "ހައުސްފުލް 5"ގެ މުހިއްމު ރޯލްއިން ފެނުނު އެކްޓަރު އަންނަނީ ކެރިއަރުގެ އެންމެ މަގުބޫލު ފްރެންޗައިސް "މަސްތީ"ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. ފިލްމު "ރެއިޑް 2" އަދި "ހައުސްފުލް 5"އަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ރިތޭޝް ބުނެފައި ވަނީ، ބެލުންތެރިންގެ ލޯތްބާއި ތަރުހީބު ހޯދާފައިވާ މިފަދަ ކޮންމެ ފްރެންޗައިސްއެއްގައި މަސައްކަތް ކުރުމުގެ ނަސީބު ކޮންމެ އެކްޓަރަކަށް ވެސް ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރިތޭޝް ފިލްމު "ހައުސްފުލް 4"ގެ ތަރިން ކަމަށްވާ އަކްޝޭ އަދި ބޮބީ ޑިއޯލްއާ އެކު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގައި އުފައްދާ މިފަދަ ފްރެންޗައިސްތަކަކީ އެތައް އަހަރެއް ވަންދެން ބެލުންތެރިން އެ ފިލްމުތަކަށް އިންތިޒާރުކުރާ އާއްމުންގެ ހަނދާނުން ފޮހެވިގެން ނުދާ ފިލްމުތަކެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންކަމުން އެފަދަ ފްރެންޗައިސްތައް އަލުން އުފައްދާއިރު އޭގައި ހިއްސާ ވުމަކީ ކޮންމެ އެކްޓަރަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް ކަމަށް ރިތޭޝް ވަނީ ބުނެފައެވެ.

ފިލްމު "މަސްތީ"ގެ ހަތަރު ވަނަ ފިލްމަކީ ގިނަ ބަޔަކު ވަރަށް ދިގު އިންތިޒާރެއް ކުރަމުން އަންނަ ފިލްމެކެވެ. ފިލްމު "މަސްތީ" ފްރެންޗައިސްގެ ދަށުން ގެނެސްދިން އެންމެ ފަހު ފިލްމަކީ 2016 ވަނަ އަހަރު ރިލީޒްކުރި "ގްރޭޓް ގްރޭންޑް މަސްތީ"އެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން "މަސްތީ"ގެ ހަތަރު ވަނަ ފިލްމުން ރިތޭޝްއާ އެކު ބަތަލާ އަދި އަންހެނުން ޖެނީލިއާ ޚާއްސަ ރޯލަކުން ފެންނާނެއެވެ.