މާލެއާއި ވިލިމާލެއަށް އެމްޓީސީސީން ދޭ ފެރީގެ ހިދުމަތް ރަނގަޅު ނުކުރާނަމަ ވިލިމާލޭ ފެރީޓަމިނަލްގައި އެމްޓިސީސީން ތަރައްގީކުރާ އެންޓަޓެއިމެންޓް ސެންޓަރު އަޅަން އެއްބާރުލުން ނުދޭނެ ކަމަށާއި އެ މަސައްކަތް ހުއްޓުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރު އިބުރާހިމް ސުޖާއު ވިދާޅުވީ އެމްޓީސީސީން މިހާރު ފެރީގެ ހިދުމަތް ދެމުން ދަނީ ކަންނެލި ދޯނިފަހަރު ހިޔާކޮށްގެން ކަމަށްވާތީ ފެރީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ނުކޮށް ފެރީ ޓާމިނަލްގައި އެންޓަޓެއިންމެންޓް ސެންޓަރެއް ތަރައްގީކުރަން ކައުންސިލުގެ އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ ޕަބްލިކް ޓުރާންސްޕޯޓްގެ ހިދުމަތް ދިނުމަކީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ސިޓީ ކައުންސިލްގެ މައްޗަށް ދީފައިވާ ބާރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ލަފައެއްތި ފެރީޓާމިނަލް ތަރައްގީކުރާކަށް އެމްޓީސީސީއަކަށް ރައިޓްސްއެއް [ހައްގެއް] ނޯންނާނެ، އަޅުގަނޑުމެން މިދަންނަވަނީ ފެރީއޭ ތަރައްގީ ކުރަންޖެހޭނީ ފެރީ ޓާމިނަލެއް ނޫނޭ،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭގެ ޕްލޭން ހެދުމަކީ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރެއް ކަމަށާއި ފެރީ ޓާމިނަލްގައި އިމާރާތެއް އަޅާނަމަ، އެޅޭނީ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން ބިޑްކޮށްގެން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ވިލިމާފަންނު ދާއިރާގެ އަހުމަދު ހަމީދު (ފްލައި) މިއަދު ވިދާޅުވީ ރޯދައިގެ ކުރިން ވެސް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރާއި ޗެއާމަންއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށާއި އެ މަޝްވަރާތަކުގައި ވެސް ތަކުރާރުކޮށް ފެރީގެ ހިދުމަތް ރަނގަޅުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބުނީ ފެރީގެ ހިދުމަތް ރަނގަޅުކުރާށޭ ޖެހޭނީ އެބޭފުޅުން އެ އުޅެނީ ފެރީގެ ހިދުމަތް ރަނގަޅު ނުކޮށް އެބޭފުޅުން އެކިފަރާތްތަކުގެ ވިޔަފާރީގެ ކަންތައްތައް ރަނގަޅުކުރަން،" ފްލައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލިމާލޭ ފެރީ ޓާމިނަލްގައި އަޅާ ސެންޓަރާބެހޭ ގޮތުން ކައުންސިލާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި އެމްޓީސީސީގެ އެ ޕްރޮޖެކްޓްގެ ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް ވެސް ހުށައަޅާނެ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބުދުއްﷲ ވިދާޅުވީ ފެރީގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި އެމްޓީސީސީގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އަލަށް ތަރައްގީ ކުރާ އެންޓަޓެއިމެންޓް ސެންޓަރަކީ ވެސް ފެރީގެ ހިދުމަތް ރަނގަޅުކުރަން ތަރައްގީކުރާ ތަނެއް ކަމަށެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ފަރާތުން ހުއްދަ ހޯދައިގެން. މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުނަށް އިތުރު ބެސްޓް ސާވިސްއެއް އަދި ފެސިލިޓީއެއް ފޯރުކޮށްދިނުން،" އަދުހަމް ވިދާޅުވި އެވެ. މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ކަންބޮޑުވުންތަކެއް އުޅޭކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން އަޅަން ހަމަޖައްސާފައިވާ އެންޓައިޓެއިމެންޓް ސެންޓަރަކީ ގިނަ ހިދުމަތްތަކެއް ލިބޭގޮތަށް އަޅާ ތަނެކެވެ. އެގޮތުން އެތަނުގައި ތިން ސިނަމާއާ ފުޑް ކޯޓެއްގެ އިތުރުން ބްޓިކްސް ޝޮޕަކާއި ސުޕަމާކެޓެއް ހުރެ އެވެ. އެމްޓީސީސީން މިހާރު ވަނީ އެތަނަށް އިންވެސްޓު ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ. އެގޮތުން އެކަމަށް 10 ފަރާތަކުން ވަނީ މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.