18 Jul 2025, 21:35
އެމެރިކާގެ ބޮސްޓަންގައި ބޭއްވި އިނގިރޭސިވިލާތުގެ މަޝްހޫރު ކޯލްޑްޕްލޭ ކޮންސެޓެއްގައި ހިލޭ އަންހެނަކާ އެކު ގައިގޯޅިކޮށް އުޅެނިކޮށް ފެނުމުން ބޭޒާރުވި ޓެކް އެގްޒެކެޓިވް އޭނާގެ ލިންކްޑްއިން ޕޭޖް ފުހެލައިފިއެވެ.
ކޯލްޑްޕްލޭގެ ޝޯއިން ބޭޒާރުވީ އެމެރިކާގެ ޓެކް ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާގެ ސީއީއޯ އޭންޑީ ބައިރޮން އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓްއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ މި މަހުގެ 16 ވަނަ ދުވަހު ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައި ބޭންޑުގެ ޝޯއަށް ކުރިއަށް ދިޔަ ވަގުތު ޝޯ ބަލަން ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ "ކިސް ކެމް" ސްކްރީނަށް އެމީހުން އަރާތަނެވެ.
އެ ވީޑިއޯ މިއަދު ވައިރަލްވެ، މިހާތަނަށް ވަނީ 50 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު، 24 ގަޑިއިރަށްވުރެ މަދު ވަގުތެއްގައި 30،000 އަށްވުރެ ގިނަ ކޮމެންޓު ކޮށްފައިވެއެވެ.
ކެމެރާ އެމީހުންނާ ދިމާއަށް އެޅުވުމުން، އޭންޑީ ވަނީ ކެމެރާއަށް ފިލަންވެގެން ތިރިވެފައެވެ. ކެބޮޓް ވަނީ މޫނުގައި ދެއަތް އަޅައި މޫނު ފޮރުވާފައެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭންޑީ އަންހެނުން މެގަން ކެރިގަންއާ ދެމަފިރިންގެ ދެ ފިރިހެން ކުދިން ތިބެއެވެ. ވީޑިއޯ ވައިރަލް ވުމާއެކު އޭނާގެ އަންހެނުން މޭގަން މިހާރު ވަނީ އޭނާގެ ފޭސްބުކް އައިޑީގައި ބޭނުންކުރި އޭންޑީގެ އާއިލީ ނަން "ބައިރޮން" ފުހެލައިފައެވެ.