18 Jul 2025, 20:32
ކާވާ މެންސް ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް ކަޒަކިސްތާނުގެ ޒައިކް ވީސީން މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.
ސޯޝަލް އިންޑޯގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު ރައުންޑް ރޮބިން އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގައި ޒައިކް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ލަންކާ ޕޯޓްސް 3-1 ސެޓުން ބަލިކޮށްފައެވެ.

ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް ކަޒަކިސްތާނުގެ ޒައިކް ވީސީން މުބާރާތުގެ ދެވަނަ މޮޅު ހޯދުން --- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެއިތުރުން ސިފައިން ވަނީ ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާ ވާދަކޮށް 3-2 ސެޓުން ބަލިވެފައެވެ.
މެޗުގައި ސިފައިންގެ ޓީމުގެ ފަރާތުން ފެނުނީ ވަރުބަލިކަމެވެ. ހާއްސަކޮށް ޓީމުގެ ބިދޭސީ ތިން ކުޅުންތެރިންގެ ފަރާތުން ފެނުނީ ފުރަތަމަ މެޗާ ބަލާއިރު ދަށް ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ސެޓު ޒައިކް ކާމިޔާބުކުރީ 25-17 އިންނެވެ. ދެވަނަ ސެޓު 25-22 އިން ކާމިޔާބުކުރި އިރު ތިންވަނަ ސެޓު ގެންދިޔައީ 25-15 އިންނެވެ.

ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް ކަޒަކިސްތާނުގެ ޒައިކް ވީސީން މުބާރާތުގެ ދެވަނަ މޮޅު ހޯދުން --- ސަން ފޮޓޯ/ މޫސާ ނަދީމް
ހަ ޓީމާއެކު ކުރިއަށްގެންދާ މުބާރާތުގައި މިރޭ 21:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އެޗްޑީސީއާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބެވެ.
މެޗު ފެށުމުގެ 15 މިނެޓު ކުރިން އެސްއެސްޓީވީން މެޗުގެ ލައިވް ކަވަރޭޖް ވަގުތުން ގެނެސްދޭނެއެވެ.