05 Aug 2012, 13:15
ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ސީ ކެޓަގަރީއަށް ފޯމްް ހުށަހަޅާފައިވާ މީހުންގެ ތެރެއިން އިންޓަވިއު ނުކޮށް ތިބި މީހުންނާ އިންޓަވިއު ކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ސީ ކެޓަގަރީއަށް ޖުމްލަ 11،000 މީހުން ކުރިމަތިލި އިރު އޭގެތެރެއިން މިހާތަނަށް އިންޓަވިއުކުރެވިފައި ވަނީ 6،000 މީހުންނާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންޓަވިއު ނުކުރެވި ބާކީ ތިބީ 5000 މީހުންނާ އިންޓަވިއު ކުރުމުގެ ކަންތައް މިމަހުގެ ނިޔަލަށް ނިންމުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހުކުރު ހޮނިހިރު ފިޔަވައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށް އިންޓަވިއު ކުރުމުގެ ކަންތައް ކުރިއަށް ދާނެކަމަށް ވެސް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ މިމަހުގެ ނިޔަލަށް އިންޓަވިއުތައް ނިންމޭނީ އެންމެން ވެސް ފަރުވާ ބަހައްޓައިގެން އިންޓަވިއުތަކުގައި ބައިވެރިވެގެން ކަމަށައި ހުރިހާ އެންމެން ވެސް އެއްބާރުލުން މިކަމަށް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް ބާކީ ތިބި 5000 ފަރާތާއި އިންޓަވިއުކޮށް ނިންމާލެވޭތޯ. އެހެންވީމަ ކަނޑައެޅިފައިވާ ގަޑިއަށް ވެށިފަހިމާލެ ޕްރޮގްރާމް އޮފީހަށް ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރަން. އެއިރުން އަޅުގަނޑުމެންނަށް މި މަހުގެ ނިޔަލަށް އިންޓަވިއުގެ ކަންތައް ނިންމާލެވޭނީ،" މުއްތަލިބް ވިދާޅުވި އެވެ.
އޭ ކެޓަގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުން އިއުލާން ކޮށްފައިވާތީ ވަރަށް އަވަހަށް އެގްރީމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ބީ ކެޓަގަރީއަށް ކުރިމަތިލި މީހުންގެ އިންޓަވިއު ކުރުން ނިމިފައިވާތީ އޭގެ ތެރެއިން ފްލެޓްތައް ލިބޭ މީހުން އިއުލާން ކުރުން ވެސް ވަރަށް އަވަހަށް އޮންނާނެ ކަމަށް އޭނާ ވިދާޅު ވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޗައިނާ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 1000 ފުލެޓްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
"ވަރަށް ޔަގީންކަން އެބައޮތް މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ.