ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް އޭޑީސީގެ މައްސަލަ ވެއްދި ނަމަވެސް އެކަމުގައި ފަސޭހަ އަދި އަވަސް ހައްލެއް ނުހޯދޭނެ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމާ އިއްޔެ ވިދާޅުވީ ކޯޓަށް ގޮސްގެން އެއްވެސް މައްސަލައެއް ހައްލުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ސިންގަޕޫރު ފަދަ ގައުމެއްގައި މައްސަލަ އާބިޓްރޭޓްކޮށްގެން ދެތިން އަހަރު އެ މައްސަލައެއްގައި ހޭދަވާ ކަމަށެވެ. އަދި އެ މުއްދަތުގައި ދައުލަތަށް ބޮޑަތި ގެއްލުންތަކަކާއި ކުރިމަތިވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އެކި ޖޫރިސްޓިކްޝަންތަކުގައި އެކި ފަހަރު މައްސަލަ ޖެހެމުން ގޮސް އެ މައްސަލައެއް އެގޮތަށް [ދިގުލައިގެން] ދާއިރު، ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ މި ފަހަރު އެންމެ ފަހުން އެމްއޭސީއެލްއިން ޖީއެމްއާރަށް ލާރި ދައްކަން މިޖެހުނީ، މީގެ މާލީ ނަތީޖާއަކީ ދިވެހި ދައުލަތުގެ ބޮޑު މާލީ މުދަލެއް، އެއާޕޯޓް އެކީގައި ބޭރު ބަޔަކާއި ހަވާލުކޮށްގެން ތިބެ އޭގެން އެއްވެސް މަންފާއަކާއި ނަތީޖާއެއް ނުލިބިތިބެ، އަޅުގަނޑުމެން އެމީހުންނަށް ފައިސާ ދައްކަން ޖެހުން، މި މައްސަލައިގައި ފަސޭހަ ހައްލެއް ނޫން ކޯޓަށް ދިޔުމަކީ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ 25 ޑޮލަރުގެ މައްސަލަ ސިންގަޕޫރުގައި ޖީއެމްއާރުން އާބިޓްރޭޓް ކުރީ ސަރުކާރާއި އެ ކުންފުންޏާއި ދެމެދު ކުރި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވުމުން ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ކޯޓުން ބޭރުގައި މަޝްވަރާކޮށްގެން އެކަން ހައްލުކުރަން ކަމަށެވެ.

"ކޯޓަށް ގޮސްގެން އެއްވެސް ކަމެއްގައި އަވަސް އަދި ފަސޭހަ ހައްލެއް ނޫހޯދޭނެ، މީގައި އޮތްގޮތަކީ އަދިވެސް ވާހަކަދައްކައިގެން އެކަން ހައްލުކުރަން، ވާހަކައިގެ ދޮރު އަދި ބަންދެއް ނުވޭ، އަޅުގަނޑުމެން އަދިވެސް މަޝްވަރާތައް ކުރަމުންދާނެ،" އާޒިމާ ވިދާޅުވި އެވެ.

ޖީއެމްއާރާއެކު ސަރުކާރުން ކޮށްފައިވަނީ ވިޔަފާރީގެ އެއްބަސްވުމެއްކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން ކޮށްފައިވާ އެއްބަސްވުމަކީ އެއްކޮޅަށް ވަރަށް ބޮޑަށް ބުރަވާގޮތަށް ކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ.

"މިހާރު އަންފޯލްޑް ވަމުން މި އަންނަ ކަންތައްތަކުން، މިސާލަކަށް ސިންގަޕޫރުގެ އާބިޓްރޭޝަން މި މައްސަލަ ދިޔުން، ރާއްޖޭގެ ކޯޓުގައި އޭގެ މައްސަލައެއް އޮތުން، އަދި ދިވެހި ދައުލަތުން އެމްއޭސީއެލްއަށް ފައިސާ ދޭންޖެހުން، އަޅުގަނޑުމެންގެ އެއޮއް ބޮޑު މުދަލާއި ރަށާއި ބިމާއި ހުރިހާ މުވައްޒަފުންނާއި ހަވާލުކޮށްގެން އުޅޭ އިރު އެ ފަރާތައް އަޅުގަނޑުމެން އެއާޕޯޓް ބެލެހެއްޓުމަށް ފައިސާ ދައްކަންޖެހި، މިކަންތައް ތަކުންވެސް ތިބޭފުޅުންނަށް އެކި ވަޑައިގަންނަވާނެ މައްސަލައިގެ ބޮޑު ކަން އުދަގޫކަން،" އާޒިމާ ވިދާޅުވި އެވެ.

ސިންގަޕޫރުގައި އާބިޓްރޭޓް ކުރި މައްސަލައިގައި ސަރުކާރުން ވެސް އަދި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންވެސް ސިންގަޕޫރުގެ ލޯޔަރުންގެ އެހީ ހޯދަމުން އަންނަ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ޖީއެމްއާރާއި ސަރުކާރާ ދެމެދު ކުރެވިފައިވާ އެގްރިމަންޓްގައިވާ ގޮތުން އެއްބަސްވުމުގައި ހިމެނޭ އެއްވެސް ކަމަކާ މެދު ދެ ބަސްވެއްޖެނަމަ އެކަމުގައި ހައްލު ހޯދާނީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް އެ މައްސަލަ ހުށަހަޅައިގެންކަމަށެވެ.

ޖީއެމްއާރުގެ އޭޑީސީގެ މައްސަލަ ބޮޑުވީ ކޮންސެޝަންފީއިން އެ ފައިސާ އުނިކުރުމުން ވޭތުވެ ދިޔަ ތިން މަސްދުވަހު ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބި 1.5 މިލިއަން ޑޮލަރު އެމްއޭސީއެލްއިން ޖީއެމްއާރަށް ދައްކަންޖެހުމާ އެކު އެވެ. އޭޑީސީގެ ފައިސާ ކޮންސެޝަންފީން އުނިކުރަން އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ހުއްދަދެއްވި ސިޓީ ބާތިލްކުރަން އެމްއޭސީއެލްއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.