ފުލުހުންނަށް އަނިޔާކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރުދޭ ފޯން ކޯލްގެ މައްސަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެމަނިކުފާނު ފުލުހަށް ހާޒިރުވެވަޑައިގެންނެވި ދުވަހު މަގުމަތިން ފުލުހަކަށް އިންޒާރުދެއްވާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ދި ޓީވީ އިން އާންމު ކުރި އެ ވީޑިއޯ ބައެއް ސޯޝަލް ނެޓްވޯކްތަކުގައި ވެސް މިހާރު ދައުރުވަމުން އެބަދެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ފުލުހަށް ހާޒިރު ކުރި ހާދިސާގެ ތެރޭ، ދިޓިވީން ނަގާފައިވާ ދިގު ނޫން އެޑިޓްކޮށްފައިވާ އެވީޑިއޯކޮޅު ފަށާއިރު ފެންނަނީ ރީފްސައިޑް ކަންމަތިން ފުލުހުން ބެރިކޭޑްޖަހައި މަގު ބަންދުކޮށްފައިވާ ސަރަހައްދުގެ އެއްފަރާތުގައި އެމްޑީޕީގެ ސަޕޯޓަރުންގެ ބަޔަކާ އެކު ރައީސް ނަޝީދު މަޑުކޮށްލައްވައިގެން ހުންނަވާތަނެވެ. އަދި އެވަގުތު އެސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން އުޅުނު ފުލުހުންނާ މުހާތަބުކުރައްވާތަން ވެސް ފެނެ އެވެ.

"އަޅުގަނޑު ފާހަގަކުރާނަން ތިބޭފުޅާ!" މަގުގެ އެއްކައިރިން މީހުންގެ ތެރޭގައި ހުންނަވައިފައި ކޮންމެ ވެސް މީހަކާ ދިމާލަށް އިނގިލި ދިއްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެ އެވެ. އެ ވީޑިއޯއިން ދެން ފެންނަނީ މަގުމަތީގައި އެއްވެ ތިބި ފުލުހުންގެ ގްރޫޕެއްގެ ތެރެއަށް އެމްޑީޕީގެ ސަޕޯޓަރުންތަކަކާ އެކު ނަޝީދު ވަދެވަޑައިގެން، އެ ގްރޫޕްގެ ތެރޭގައި ކުލަ އެއްޗެހީގައި ހުރި ފުލުހަކާ ސުވާލު ކުރައްވާތަނެވެ.

"ކޮން ނަމެއްތަ ކަލެއްއަށް ކިޔަނީ؟" ރައީސް ނަޝީދު ސުވާލު ކުރައްވަ އެވެ. އަދި އެ ފުލުސް މީހާ އޭނާއަށް ކިޔަނީ އަހުމަދު ފާދިހު އޭ ބުނެ ޖަވާބު ދެއެވެ.

"އާ... ކޮންތާކު އުޅެނީ؟" އެ ސުވާލަށް ވެސް ފުލުސް މީހާ "މޯލްޑިވްސް ޕޮލިސް" އޭ ބުނެ ޖަވާބު ދެއެވެ. އަދި އޭގެ ފަހުން ފުލުސް މީހާ ގާތުގައި އޭނާގެ ފާސް ދައްކަން ކުރީގެ ރައީސް އެދިވަޑައިގެންނަވަ އެވެ. އެ ފުލުސް މީހާ ފާސް ދައްކަން މަސައްކަތް ކުރަމުން ދަނިކޮށް އެމަނިކުފާނު އަނެއްކާ ވެސް ސުވާލުކުރައްވަ އެވެ:
"ކޮން ރޭންކެއް ކަލޭ ތިއީ؟" އެއާ އެކު އޭނާގެ ކާޑުން ސާވިސް ނަމްބަރު ވިދާޅުވެ ކޯފާވެގެން ފުލުސް މީހާއާ ދިމާލަށް އިނގިލި ދިއްކުރަވަ އެވެ. ވިދާޅުވެ އެވެ: "މިނައޭ ހުރިހާ އެންމެންނަށް އަނިޔާ ކުރަމުން މިހިނގަނީ!" އެވަގުތު އެތަނުގައި ހުރި ކޮންމެ ވެސް މީހަކު އެހެން ވިދާޅު ނުވުމަށް ރައީސް ނަޝީދު އަރިހުގައި ދަންނަވަ އެވެ.

" އުހުނ.. އަހަރެން ދުށީމޭ މޭ.. މަަށަށް ވަރަށް ރަނގަޅަށް މިފަހަރު ފެނިއްޖެ! މީގެން އެއްވެސް ކުއްޖަކު ކުރާ ކަމެއް ނޫން އެއީ... މީގެން އެއްވެސް ކުއްޖަކު ކުރާ ކަމެއް ނޫން އެއީ... މަ މިފަހަރު ވަރަށް ރަނގަޅަށް ބަލައިފިން އޭނާ ކުރާ ކަމެއް އެއީ..." ފުލުސް މީހާއާ ދިމާލަށް އިނގިިލި ދިއްކުރައްވަމުން ރައީސް ނަޝީދު ބާރަށް ވިދާޅުވެ އެވެ. "އަހަރެން މިފަހަރު ވަރަށް ރަނގަޅަށް ބަލައިފީމޭ..... މަށަށް މިފަހަރު... ދެން އެނގޭނެ ހަދާނެ ގޮތް..."

މި ވީޑިއޯކޮޅު ނެގި ދުވަހު ފުލުހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނުކުމެ ވަޑައިގެން ދެއްވި ކުރު ސްޓޭޓްމަންޓްގައި ރައީސް ނަޝީދު ވިދާޅުވީ ފުލުސް އޮފީސްތެރޭގައި އެމަނިކުފާނު ހުންނެވި އިރު، ރަނގަޅަށް މަސައްކަތްކުރައްވާ ގައުމީ ފުލުހުން ތިއްބަވަނިކޮށް އެމަނިކުފާނަށް ފެނިވަޑައިގެންނެވި ކަމަށެވެ.

http://www.youtube.com/watch?v=rpg8toh61qk