ފުލުހެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގި ދެ މީހެއްގެ މައްސަލައާއި ވައްކަން ކުރި ދެ މީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހެއްގެ ގައިގައި ތެޅި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދުނީ ހ. މޯނިންގް ގްލޯރީ، ހުސެއިން ޒިނާދު، 19 އާއި 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޭޕްރީލް މަހު 21 ވަނަ ދުވަހު އެވެ. އެއީ ބޮސްނިއާ ޕާކްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕާކްގެ ކައިރިން ފުލުހެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިނުމުންނެވެ.

ވައްކަން ކުރި ކަމަށް ތުހުމަތުވެގެން ދެ މީހެއްގެ މައްޗަށް ދަޢުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގަ އެވެ. އެ ދެ މީހުންނަކީ މ. ނެއްލައިދޫގެ، މުޙައްމަދު ޝާމް ޒަޢީމް 23، އާއި ހ. ހީލިއަމް، ޖަވްޝަން އަޙްމަދު 18، އެވެ. މި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެޗްޑީ ސްޕްލެންޑާ ފިހާރަ އިން ވައްކަށްކުރުމުގެ ތުހުމަތުގަ އެވެ.

މި މީހުންގެ ތެރެއިން ޖަވްޝަނަކީ އަލްފާ މޯލްޑިވްސްގެ އޮފީސް ފަޅާލައި އެތަނުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައިގައި ދެ އަހަރާއި ހަމަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ހުކުމްކޮށްފައިވާ މީހެކެވެ.