05 Aug 2012, 11:27
ބޮލީވުޑުގެ މަޝްހޫރު ތަރި ކެތުރީނާ ކައިފް އަޖްމީރުގައި ހުންނަ، ސޫފީ މުސްލިމުންގެ ދަރުގާއަށް ގޮސް އެތަނުގައި އަޅުކަމުގެ ކަންތައް ފުރިހަމަ ކޮށްފިއެވެ. ސޫފީންގެ އިމާމެއް ކަމުގައި ވާ ޚުވާޖާ މުޢީނުއްދީން ޗިސްތީގެ މަގުބަރާ ހުންނަ މި ދަރުގާއަށް ކެތުރީނާ ދިޔައީ އޭނާގެ ފިލްމުތައް ކާމިޔާބު ވުން އެދިގެން ދުއާ ކުރާށެވެ.
އަޖްމީރުގެ މި ދަރުގާ އަކީ ސޫފީ މުސްލިމުންގެ އިތުރުން އެހެން ދީންތަކުގެ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. އަމީތާބު ވެސް ވަނީ ވަރަށް ފަހުން މި ތަނަށް ގޮސްފައެވެ.
ކެތުރީނާ ކައިފަކީ ދަރުގާއަށް ފިލްމީ ތަރީން އައިސްގެން ނުވާނެ ކަމަށް ދީވާނު ޒައިނުލް އާބިދީން އަލީ ޚާން ބުނި ފަހުން އެ ތަނަށް ޒިޔާރަތް ކުރި ފުރަތަމަ ފިލްމީ ތަރިއެވެ. އޭނާ ދާދި ފަހުން އިއްވި ބަޔާނެއްގައި ވަނީ "ފިލްމު ކުޅުމާއި ޑާންސް ކުރުމަކީ ދީނީ ގޮތުން ބަލާ އިރު ރަނގަޅު ކަންކަމަށް ނުވާތީ، ފިލްމީ ތަރީން އެމީހުންގެ ފިލްމުތަކުގެ ކާމިޔާބަށް އެދިގެން ދަރުގާއަށް އައިސް އަޅުކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.
ދަރުގާގެ ޚާދިމު ގުތުބުއްދީން ސާކީ ބުނި ގޮތުގައި ކެތުރީނާ ކައިފް ވަނީ ދަރުގާގެ ތެރޭގައި 10 ވަރަކަށް މިނެޓު ހޭދަ ކޮށްފައެވެ.