14:09


ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުން ކަނޑު އަޑީގެ ބައެއް ހޯދުމަށް ކުރާ ދައުވާގެ ލިޔެކިޔުންތައް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އދ. އަށް ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ، އ.ދ ގެ "ކޮމިޝަން އޮން ދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފް" އިން ރާޢްޖެއަށް މި ފުރުސަތު ހުޅުވާލުމާ ގުޅިގެން މިހާރު ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެކަމާ ގުޅޭ ލިޔެކިޔުންތައް ރަސްމީކޮށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ވަފުދެއް ދާގޮތަށް ހަމަޖައްސާފައި ކަމަށެވެ.


ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ކުރިން ވިދާޅުވީ، ރާއްޖޭގެ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފްގެ ލިޔެކިޔުންތަކަކީ ބައިނަލްއަގްވާމީ ކަނޑުގެ ޤާނޫނުގެ ދަށުން ކޮންމެ ގައުމަކަށް ލިބިދީފައިވާ އިގްތިސާދީ ސަރަހައްދުގެ ބޭރަށް، ކަނޑުގެ ފަސްގަނޑު ދެމިގެންދާ ކަމަށް ފެނިއްޖެ ހިނދެއްގައި، އެ ސަރަހައްދު ހޯދުމަށް ކުރާ ދައުވާ އެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 200 މޭލަށް ވުރެ ބޭރަށް އެއްލައްކަ ފަސްދޮޅަސް އަށްހާސް އަކަ ކިލޯމީޓަރަށް ކަނޑުގެ ފަސްގަނޑު ދެމިގެންދާކަމުގައި ބަޔާންކޮށް، އެ ސަރަހައްދުގެ މިލްކުވެރިކަން ހޯދުމަށް ސަރުކާރުން ހުށަހަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.


ރާއްޖެއިން ދައުވާކުރާ ސަރަހައްދު ހަމަޖެހިއްޖެ ނަމަ، އެ ސަރަހައްދުގެ ކަނޑުގެ ފަސްގަނޑާއި، ފަސްގަނޑުގައިވާ ދިރުން ހުރި އެއްޗެއްސާއި، ދިރުން ނެތް ތަބީއީ ހުރިހާ ތަކެއްޗެއް ބޭނުންކުރުމާއި އެ ނޫންވެސް އިގްތިސާދީ ބޭނުންތައް ހިފުމުގެ ބާރާއި، އެތަކެތީގެ މިލުވެރިކަން ރާއްޖެއަށް ލިބިގެންދާނެ އެވެ.