އެމޭޒަން ޕްރައިމްއިން ގެނެސްދެމުން އަންނަ ވެބް ސީރީސްތަކުގެ ތެރެއިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ދަ ފެމިލީ މޭން"ގެ ތިން ވަނަ ސީޒަން މި އަހަރުގެ ފަހުކޮޅު ޕްރީމިއާކުރާނެ ކަމަށް އެކްޓަރު މަނޯޖް ބަޖްޕައީ ބުނެފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި މަނޯޖް ބުނެފައި ވަނީ ތިން ވަނަ ސީޒަންގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން މި ވެބް ސީރީސްއަށް ބެލުންތެރިން ދެން މާބޮޑު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށާއި މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހު ހަފުތާ ނުވަތަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެތެރޭ "ދަ ފެމިލީ މޭން 3" އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރަން ފަށާނެކަން މަނޯޖް ވަނީ ހާމަކޮށްފައެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ދަ ފެމިލީ މޭން"ގެ ފުރަތަމަ ސީޒަން ގެނެސްދިންއިރު އެއީ އެހާބޮޑަށް ހިނގާނެ ސީރީސްއެއް ކަމަށް ގަބޫލުނުކުރާ ކަމަށް މަނޯޖް ވަނީ ބުނެފައެވެ.

އެކްޓަރު މަނޯޖު އަދި "ދަ ފެމިލީ މޭން 3"ގެ ކާސްޓާ އަލަށް ގުޅުން ޖައިދީޕް އާއި ބަތަލާ ނިމްރަތު--ފޮޓޯ/މިޑްޑޭ

މި ވެބް ސީރީސްގެ ލީޑް އެކްޓަރުގެ ރޯލް ކުޅޭ މަނޯޖް ބުނެފައި ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި ކުޅުނު މަގުބޫލު ވެބް ސީރީސްތަކުގެތެރޭ "ކިލާ ސޫޕް"ފަދަ ސީރީސްތައް ހިމެނޭއިރު "ދަ ފެމިލީ މޭން" އަކީ އެކްޓަރުގެ ކެރިއަރުގެ އެންމެ ކާމިޔާބު މަސައްކަތް ކަމަށެވެ.

ކުޅަދާން ފިލްމު އުފެއްދުންތެރިން ކަމަށްވާ ރާޖް އާއި ޑީކޭ ގެނެސްދޭ "ދަ ފެމިލީ މޭން"ގެ ތިން ވަނަ ސީޒަންއިން އާ ތަރިންތަކެއް ފެންނާނެކަން ކަށަވަރުވެފައިވާއިރު މަނޯޖް ބުނެފައި ވަނީ ކުރީގެ ދެ ސީޒަން ކަމުދިޔަ ބެލުންތެރިން ތިން ވަނަ ސީޒަން ބަލާފައި މާޔޫސް ނުވާނެ ކަމަށެވެ.

މި ސީރީސްގެ ދެވަނަ ސީޒަންއިން ބަތަލާ ސަމަންތާ ގިނަ ބައެއްގެ ސަމާލުކަން ހޯދިއިރު ތިން ވަނަ ސީޒައިން އާއްމުންގެ އެންމެ ބޮޑު ސަމާލުކަމެއް ހޯދާނީ އަލަށް މި ސީރީސްއާ ގުޅުނު އެކްޓަރު ޖައިދީޕް އަހުލަވާތު ކަމަށެވެ.

ޖައިދީޕް އަކީ މަނޯޖް އުއްމީދުކުރާ ކަހަލަ އެކީގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އެހާމެ ހުނަރުހުރި އެކްޓަރެއްގެ ގޮތުގައި މަނޯޖު ވަނީ ސިފަކޮށްފައެވެ.

އެމޭޒަން ޕްރައިމްއިން "ދަ ފެމިލީ މޭން 3"ގެ އާ ޕޯސްޓަރު ބެލުންތެރިންނާ ހިއްސާކޮށްފައިވާއިރު އެ ޕްލެޓްފޯމްގައި މި ސީރީސް ޕްރީމިއާކުރާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.