17 Jul 2025, 09:20
އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ގޯއާއަށް ދަތުކުރު ކުރި އިންޑިގޯގެ މަތިންދާބޯޓެއް އިންޖީނު ފެއިލްވެގެން އިމަޖެންސީގައި ޖައްސައިފިއެވެ.
އެއާބަސް އޭ320ނިއޯ މަތިންދާބޯޓެއްގައި އޮޕަރޭޓްކުރި މި ފްލައިޓް ކުއްލި ގޮތަކަށް ޖައްސާފައިވަނީ މިރޭ 9.52 ހާއިރު ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
އެ ބޯޓުން ދަތުކުރި މީހުންގެ އަދަދު ސާފެއްނޫނެވެ.
"ދިއްލީ-ގޯއާ ރޫޓުގައި އޮޕަރޭޓް ކުރާ އިންޑިގޯގެ ފްލައިޓް 6އީ-6271 އަށް ފުލް އިމަޖެންސީ އިއުލާންކޮށްފައިވަނީ އެއް އިންޖީނު ފޭލްވުމުން މުމްބާއީއަށް ޑައިވާޓް ކުރުމުން،" އެންޑީޓީވީން ބުންޏެވެ.
"ޖުލައި 16، 2025 ގައި ދިއްލީން ގޯއާގެ މަނޯހަރު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުން ދަނިކޮށް ފްލައިޓް 6އީ 6271 އިން ޓެކްނިކަލް މައްސަލައެއް ވަނީ ފެނިފައި،"
އެ މަތިންދާބޯޓު ޑައިވަޓްކޮށް މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށް އިންޑިގޯގެ ތަރުޖަމާނާ ހަވާލާދީ އެންޑީޓީވީން ބުނެފައިވެއެވެ.
މަތިންދާބޯޓު އަލުން އޮޕަރޭޝަން ފެށުމުގެ ކުރިން ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާ މެއިންޓެނަންސްތައް ކުރިއަށް ގެންދާއިރު، އެ ދަތުރު ކުރުމަށް އެހެން ބޯޓެއް ވަނީ ހަމަޖައްސާފައެވެ.
އެ ހާދިސާއާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައަފާށް އެދޭ ކަމަށާއި ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަކީ އިންޑިގޯއަށް އެންމެ މުހިންމުކަންތައް ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ. އިންޑިގޯގެ އެ ބޯޓުގެ އިންޖީނު ފެއިލްވެފައިވާއިރު، މަތިންދާބޯޓެއް ވެއްޓިގެން މި ފަހުން ހިނގި އެންމެ ހިތާމަވެރި ހާދިސާ ހިނގީ މިދިޔަ މަހު 12 ވަނަ ދުވަހެވެ.
އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިންކުތުކޮޅެއްގެ ތެރޭގައެވެ.
އެ ބޯޓު ވެއްޓުނީ އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ މެގަނީ ނަގަރު ނަމަކަށް ކިޔާ ސަރަހައްދަކަށެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅުނު 19 މީހުން ހިމެނޭހެން ޖުމުލަ 260 މީހުން މަރުވިއެވެ.
ބޯޓު ވެއްޓެން މެދުވެރި ސަބަބު ދެނެގަތުމަށް ތަހުގީގުކުރާ ފަރާތްތަކުން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.