އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިދޭ ގަވާއިދުތަކުގެ މުއްދަތު މިރޭ 12:00 އަށް ހަމަވާތީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައި އެ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ އެޕްރީލްގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2ގައި ވާ ގަވާއިދުތަކުގެ ތެރެއިން 47 ގަވާއިދަކަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ އެޕްރީލްގެ ނިޔަލަށް އިތުރުކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އެއީ 49 ވޯޓުންނެވެ.

ގަވާއިދު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި އެދުނު ގޮތަށް ފަސް ގަވާއިދެއް ފިޔަވައި ދެން ހުރި ހުރިހާ ގަވާއިދަކަށް އަމަލު ކުރުމުގެ މުއްދަތު މިއަދު އިތުރުކޮށްފައިވާ އިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އެ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެއީ އެ ގަވާއިދުތައް މަޖިލީހުގެ ކޮމެޓީން ނެހެދި ހުރުމުންނެވެ.

ގަވާއިދު ކޮމެޓީގެ ރިޕޯޓް މަޖިލީހަށް އިއްވަމުން އެ ކޮމެޓީގެ މުއްގައްރިރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ ގަވާއިދުތަކުގެ މުއްދަތު އިތުރުކުރުމަށް ކޮމެޓީން ފާސްކުރީ ކޮމެޓީގެ އަޣުލަބިއްޔަތުން ކަމަށެވެ.

"މިހާރު އަމަލު ކުރަމުންދާ ފަސް ގަވާއިދެއް ފިޔަވައި، ދެން ހުރި ގަވާއިދުތަކުގެ މުއްދަތު 2013 ވަނަ އަހަރުގެ އެޕްރީލްގެ ނިޔަލަށް އިތުރު ކުރުމަށް ގަވާއިދު ކޮމެޓީގެ އެދުވަހުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވޭ. އެހެންވީމާ ގަވާއިދު ކޮމެޓިން ނިންމަވާފައިވާ ރިޕޯޓް ވަނީ އިއްޒަތްތެރި ހުރިހާ މެންބަރުންނަށް އަރުވާފައި، މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އުނިކުރަން ޖެހޭ ފަސް ގަވާއިދާއި މިހާރު މުއްދަތު އިތުރު ކުރަންޖެހޭ 47 ގަވާއިދެއް،"

އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަހު 1 އަދި 2ގައި ބުނާ ގަވާއިދުތަކަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ އަދި މަދަނީ ބައެއް ހައްގުތާ ގުޅުން ހުރި ގަވާއިދުތަކެކެވެ. އެ ގަވާއިދުތަކަކީ އަދުލު އިންސާފު ގާއިމްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އިގްތިސާދީ އިޖުތިމާއީ އަދި ތައުލީމުގެ ދާއިރާ ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދު ވެސް ހިމެނެ އެވެ.