ޅަފަތުގައި އޮތް ލޯކަލް ގަވާމެންޓްގެ ނިޒާމު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒާ ޓުދަ ޕްރެޒިޑެންޓް ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ ފައިނޭންޝަލް އޮފިސަރުން ތަމުރީނު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ވިދާޅުވީ ބައެއް ކައުންސިލްތަކުގެ އަމަލުތައް ހުންނަ ގޮތުން ކުދި ކުދި ސަރުކާރުތަކެއްހެން ހީވާ ފަހަރު އަންނަ ކަމަށާއި ކައުންސިލްތަކަށް ދީފައިވާ ބާރުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ބޭނުން ނުކުރުމުގެ ސަބަބުން އެ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރުގެއްލި މުޅި ނިޒާމު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"ނަތީޖާ އަކަށް ވެގެން މިދަނީ ކުރިން ދީފައިވާ ބާރުތައް ވެސް ގެއްލެމުން ދާތަން. އޭގެ ބައް މިސާލުތައް އެބަފެނޭ .ލޯކަލް ކައުންސިލްތަކަށް މައި ސަރުކާރުން ދީފައިވާ ބައެއް ބާރުތައް ނަގަމުން ދާ މަންޒަރު. އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ އެއްކޮޅުން ލިބިފައިވާ ބާރުތައް ކުޑަވެގެންދާއިރު އަނެއްކޮޅުން ލިބިފައިވާ ބާރުތައް ނޭދެވޭ ގޮތެއްގައި ބޭނުން ކުރުމުން ދާތަން. ނަތީޖާއަކަށް ވެގެން ދަނީ ނިޒާމުގެ އިތުބާރު ގެއްލުން. އިތުބާރު ގެއްލިއްޖެ ނިޒާމެއް އަނބުރާ ގެނައުމަކީ ވަރަށް އުނދަގޫ ކަމެއް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ދިވެހި ރާއްޖޭގައި އޮންނާނީ ޔުނިޓަރީ ދައުލަތެއް ކަމަށް ބުނެފައިވީ ނަމަވެސް ބައެއް ކައުން ސިލްތަކުގެ އަމަލުތައް ހުންނަ ގޮތުން ފެނިގެންދަނީ ރާއްޖޭގައި ޔުނިޓަރީ ދައުލަތެއްގެ ގޮތުގެ ބަދަލުގައި ފެޑެރޭޝަނެއް ނުވަތަ ކުދި ކުދި ސަރުކާރުތަކެއް މަސައްކަތްކުރާ އުސޫލުން ގެންދާ ތަން ކަމަށާއި އެއީ ރާއްޖޭގެ ގާނޫނޫ އަސާސީގައި ބުނާ އުސޫލުން ގެންދެވޭނެ ގޮތެއް ނޫން ކަމަށާއި ކައުންސިލްތަކުން ނެތް ބާރު ހޯދަށް މަސައްކަތް ކުރުމުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވެސް ގެއްލެމުން ދާމަންޒަރު ފެންނަ ކަމަށެވެ.

"ލޯކަލް ގަވާނެންސް ސިސްޓަމެއްގެ ބޭނުމަކީ އެންމެ އާދައިގެ ނިކަމެތި ރައްޔިތާއަށް ވެސް އިންތިހާބު ކުރެވިފައި ހުރި ބޭފުޅެއް އަރިހަށް ގޮސްގެން އެބޭފުޅާގެ ވާހަކަތައް ވެސް އަޑުއެހޭނެ ނިޒާމެއް ގާއިމުކުރުން ކޮންމެ ކޮންމެ ބަޔަކަށް މައިސަރުކާރުގެ ވަޒީރުންނާއި ހަމައަށް ނުދެވޭތީ އެޗެނެލެއް ގާއިމުކުރެވެނީ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ އަމަލުތައް ހުރީ އެގޮތަކަށް ނޫން،" ކަސްޓަމުސްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާކަހަ ދައްކަވަމުން ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކައުންސިލްތަކުގެ ފައިނޭންސްގައި މަސައްކަތް ކުރާ ބަޔަކީ ވަރަށް މުހިންމު ބައެއް ކަމަށާއި ކޮންމެ މީހަކު ވެސް އެ މީހެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަމާނަތްތެރިކަމާ އެކު އަދާ ކުރެވޭތޯ މަސައްކަތްކުރައްވަން ޖެހިވަޑައިގެންނަވާ ކަމަށާއި މީގެ ކުރިން އެފަދަ މަގާމުތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކުރެވޭ ނުރަނގަޅު ކަމަކުން އެފަދަ މީހުންގެ މުސްތަގުބަލު ބަނަވެގެން ގޮސްފައިވާ ތައުލީމީ އެތައް ބަޔަކު ރާއްޖޭގައި ތިއްބެވި ކަމަށެވެ.

ރޭ ބޭއްވި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ އެކި ހިސާބުން 92 ކައުންސިލެއްގެ އިދާރާގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ބުނީ ކުވޭތުފަންޑުން ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ޕްރޮގްރާމް ނިންމާލެވޭ އިރު ރާއްޖޭގެ ކޮންމެ ކައުންސިލެއްގައި ފައިނޭންސް އޮފިސަރަކު ތަމުރީނުކުރެވިފައި ހުންނާނެ ކަމަށެވެ.