05 Aug 2012, 10:42
ގާނޫނާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް 22 ދުވަސް ވަންދެން ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ސިފައިންގެ އޮފިސަރުންތަކެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
ހުޅުމާލޭ ކޯޓުން ބުނަނީ ކޯޓުތަކާ ބެހޭ ގާނޫނު ބުނާގޮތުން ބޮޑު އެ މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންނުވެ އެވެ. ހުޅުމާލޭ ކޯޓުން އެހެން ބުނާއިރު އަބްދުﷲ ގާޒީއަށް ބިރުދެއްކުމުގެ މައްސަލައެއް ޕީޖީ އޮފީހުން އެ ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓަށް ބަލައިގަނެ މިހާރު ވަނީ ޝަރީއަތް ވެސް ފަށާފަ އެވެ. ނަމަވެސް އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރު ކުރުމުން ޕީޖީ އޮފީހުން ކުރާ "ކުށެއް ނުކުރާ މީހަކު ގާނޫނާއި ޚިލާފަށް ގަސްތުގައި ހިފައި ހައްޔަރުކުރުމުގެ ދައުވާ" އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނުމުން އެކަމާ ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.
އަބްދުﷲ ގާޒީއަށް ބިރުދެއްކުމުގެ މައްސަލަ ޕީޖީ އޮފީހުން ހުޅުމާލޭ ކޯޓަށް ހުށަހެޅި ނަމަވެސް އޭގެ ކުރިން އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ ހުޅުމާލޭ ކޯޓަށް ބަދަލުކުރީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިންގުމަކީ ރަނގަޅު ގޮތެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނާތީ އެވެ. އޭރު ސުޕްރީމް ކޯޓުން ޕީޖީ އޮފީހަށް ލަފާދީފައި ވަނީ މާލޭ ޖުޑީޝަލް ދާއިރާގައި ހިމެނޭ ޖިނާއީ މައްސަލަ ބެލުމުގެ ބާރު ލިބިގެންވާ ކޯޓަކަށް އަބްދުﷲ ގާޒީއަށް ބިރުދެއްކި މައްސަލަ ހުށަހެޅުމަށެވެ.
މާލެއަށް ބަލާއިރު ޖިނާއީ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓު އެބަހުއްޓެވެ. ނަމަވެސް ޑްރަގް ކޯޓަކީ ހަމައެކަނި މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތައް ބަލާ ކޯޓެކެވެ. އަދި ޖުވެނައިލް ކޯޓަކީ ހަމައެކަނި ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ މައްލަތައް ބަލާ ކޯޓެކެވެ. މާލޭ ޖުޑީޝަލް ދާއިރާގައި ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކޯޓަކަށް ދެން ހުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓެވެ.
މެޖިސްޓްރޭޓް ކޯޓްތަކަށް ނުބެލޭނެ މައްސަލަތައް ކޯޓުތަކާއި ބެހޭ ގާނުނުގައި ވަނީ ބަޔާން ކޮށްފައެވެ. އެ މައްސަލަތަކުގެ ތެރޭގައި މީހުން މެރުމުގެ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މައްސަލަތައް ހިމެނެއެވެ. އަދި ވައްކަމާއި ފޭރުމާއި ޓެކުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ތެރެއިން 100،000ރ. އަށް ވުރެ މަތީ ފައިސާގެ އަދަދުގެ މައްސަލަ ތަކާއި ވަގުނޫޓާއި ވަގު ކޮއިން ޖެހުމާއި އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމުގެ މައްސަލަ ތަކުގެ އިތުރުން ޓެރަރިޒަމްގެ މައްސަލަތަކާއި ގާނޫނުލް އުގޫބާތުގެ ޗެޕްޓާ އެކެެއްގެ "ދިވެހި ދައުލަތާއި އިދިކޮޅު ހަރަކާތާއި ފިތުނަ" މި ސުރުހީގެ ދަށުން ހިމެނޭ މާއްދާގައިވާ މައްސަލަތަކާއި އަދި 5000،000ރ. އަށް އިން ފެށިގެން މަތީގެ ފައިސާގެ އަދަދުގެ މައްސަލަތަކެވެ.
މިއީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭނެ މައްސަލަ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މައްސަލަތަކެވެ. މިނޫން އެހެން ބާވަތެއްގެ މައްސަލައެއް މެޖިސްޓްރޭޓް ކޯޓަކަށް ނުބެލޭނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން ގާނޫނާއި ޚިލާފަށް މީހަކު ހައްޔަރު ކުރި މައްސަލަ ހުޅުމާލޭ ކޯޓަށް ނުބެލެންވީ ކީއްވެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހުރީ މެޖިސްޓްރޭޓް ކޯޓެއް ކަމަށް ވިޔަސް ވަކިބާވަތެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް ނެތްކަމަށް ބުނެ މާލޭ ކޯޓުން ބެލޭ މައްސަލަ ނުބެލެންވީ ސަބަބެއް ނެތެވެ.
އޭނާ ވިދާޅުވާ ގޮތުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ވެސް ތިބީ މާލޭގެ ސުޕީރިއާ ކޯޓުތަކުގައި ތިއްބި ފެންވަރުގެ ގާޒީނެވެ. އެހެންކަމުން ހުޅުމާލޭ ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ނުލިބެންވީ ސަބަބެއް ނެތެވެ.
"ކ. ވިލިނގިއްޔަށް ވިލިމާލެކިޔާ، އެއީ މާލޭގެ އަވަށެއް ކަމަށް ބަލަނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާގައި ވެސް ވިލިނގިލި ވެސް ބަލާފައި އޮންނަނީ މާލޭ ދާއިރާއެއްގެ ގޮތުގައި. އެތާގައި މެޖިސްޓްރޭޓް ކޯޓެއް ނުހުރޭ. ހުޅުމާލެއަކީ ވެސް އެފަދަ ތަނެއް. މާލޭގެ ހަތަރު އަވަށުގައި ވެސް މެޖިސްޓްރޭޓް ކޯޓެއް ނެތް. ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އެބަހުރި. އެ ކޯޓަކީ މެޖިސްޓްރޭޓް ކޯޓަކަށް ވިޔަސް ވަކިބާވަތެއްގެ މައްސަލައެއް ބެލުމުގެ އިހުސިސޯސް ނެތްކަމަށް ބުނެ މާލޭ ކޯޓުތަކުން ބެލޭ މައްސަލައެއް ނުބެލެންވީ ސަބަބެއް ނެތް،" ޒަނީން ވިދާޅުވި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީގެ މަސްލަހަތު އޮތް މައްސަލައަކަށްވާތީ އޭނާއަށް އިންޒާރު ދިން މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ހުޅުމާލޭ ކޯޓަށް ހުށަހެޅުމަށް ކުރިން ސުޕްރީމް ކޯޓުން ލަފާދީފައިވާތީ، އެ މައްސަލަ ވެސް ހުޅުމާލޭ ކޯޓްގައި ބެލެންޖެހޭނެ އެވެ. ސުޕްރީމް ކޯޓުން އެފަދަ ނިންމުމެއް ނިންމާފައި ވަނިކޮށް އަނެއްކާ ވަކި މައްސަލައެއް ބެލުމުގެ އިހުތިސޯސް ލިބިގެންވޭތޯ ބެލުމަށް ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ލަފާ ހޯދާކަށް ނުޖެހޭނެ އެވެ.
ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ހުޅުމާލޭ ކޯޓުން އެ މައްސަލަ ނުބަލަން އުޅެނީ އެ ކޯޓަށް އިހުތިސޯސް ނުލިބޭތީއެއް ނޫނެވެ. އެ ކޯޓަކީ ގާނޫނާއި އެއްގޮތަށް އުފައްދާފައިވާ ކޯޓެއްކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާތީ އެ މައްސަލަ ބަލަން ފަނޑިޔާރުން ޖެހިލުން ވަނީ އެވެ. ނޫންނަމަ އެ މައްސަލައިގެ ބާވަތުން މައްސަލަ ބެލުމަށް އެ ކޯޓުގެ ގާޒީން ޖެހިލުން ވަނީ އެވެ.
"އެ މައްސަލަ ހުޅުމާލޭ ކޯޓުން ނުބެލެންވީ ސަބަބެއް ނެތް. އަޅުގަނޑަށް ހީވާގޮތުގައި ހުޅުމާލޭ ކޯޓުން އެ މައްސަލަ ނުބަލަން އުޅެނީ އެ ކޯޓަކީ ގާނޫނާއި އެއްގޮތަށް އުފައްދާފައިވާ ކޯޓެއްކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާތީ. ނޫންނަމަ އެ މައްސަލައިގެ ބާވަތުން އެ ކޯޓުގެ ގާޒީން ޖެހިލުން ވަނީ އެ މައްސަލަ ބަލަން،" ނަންނުޖެހުމަށް ޝަރުތުކޮށް ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ބައެެއް ކަމަށްވާއިރު ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެެއް ހުންނަންވާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީގެ މަސްލަހަތު އޮތުމުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ޖާގަ ނެތުމުން އެ މައްސަލަ ދެން ހުށަހަޅަން ޖެހޭނީ ހައި ކޯޓަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހައިކޯޓަށް އެ މައްސަލަ ނުފޮނުވައި އުޅެނީ ދައުވާ ލިބޭ ފަރާތްތަކަށް އިސްތިއުނާފު ކުރުމުގެ ހައްގު ކޮންމެ ވެސް ވަރަކަށް ހަނިވެގެންދާނެތީ ކަމަށް ވެދާނެ އެވެ. އެހެންކަމަށް ވާނަމަ ވަގުތީ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީން އެހެން ކޯޓަކަށް ބަދަލުކޮށް އެހެން ކޯޓަކުން އެ ކޯޓަށް ގާޒީން ގެނެސް ގެންވެސް އެ މައްސަލަ ބެލިދާނެކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ. ނޫންނަމަ އެ ކޯޓުގެ ގާޒީން ވަގުތީ ގޮތުން އެހެން ކޯޓަކަށް ބަދަލުކުރުމަށް ފަހު ރާއްޖެއިން ބޭރުން ފަނޑިޔާރުންގެ ޚާއްސަ ޕެނަލެއް ގެނެސްގެން ވެސް އެ މައްސަލަ ބެލިދާނެކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.
"ކްރިމިނަލް ކޯޓުގެ ގާޒީން ވަގުތީގޮތުން އެހެން ކޯޓަކަށް ބަދަލުކޮށްފައި، ބޭރުން ފަނޑިޔާރުންގެ ޚާއްސަ ޕެނަލެއް ވެސް ގެނެވިދާނެ އެ މައްސަލަ ބަލަން،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވި ގޮތުގައި މީހެއްގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހުޅުމާލޭ ކޯޓުން ގާނޫނީ ނުކުތާތަކެއް ފާހަގަ ކުރުމުގެ ކުރިން ހުޅުމާލޭ ކޯޓުން ބަލަންވީ އެ ކޯޓުގެ ވާހަކަ އޮތީ ކޯޓުތަކާ ބެހޭ ގާނޫނުގެ ކޮން މާއްދާއެއްގައިތޯ ކަމަށެވެ. އަދި ޖޭއެސްސީގެ މެންބަރު އަހުމަދު ރަޝީދުގެ އަނބިކަނބަލުން އިންނެވީ އެ ކޯޓުގެ މަގާމެއްގަތޯ ބަލަންޖެހޭ ކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.
"ހުޅުމާލޭ ކޯޓުން މީހެއްގެ މައްސަލަ ނުބެލޭނެކަމަށް ބުނެ ގާނޫނީ ނުކުތާކެއް ފާހަގަ ކުރުމުގެ ކުރިން ހުޅުމާލޭ ކޯޓުން ފާހަގަ ކުރަންވީ ހުޅުމާލޭ ކޯޓުގެ ވާހަކަ އޮތީ ކޯޓުތަކާ ބެހޭ ގާނޫނުގެ ކޮން މާއްދާއެއްގަތޯ؟" ފަރީދު ވިދާޅުވި އެވެ.
ގާޒީއެއް ވިޔަސް އަދި ކޮންމެ ދިވެހި ރައްޔިތަކު ކަމަށް ވިޔަސް އެމީހެއްގެ ހައްގެއް ނިގުޅައިގެންފައިވާނަމަ އެ މައްސަލައެއް ކޮންމެ ކޯޓަކުން ބެލިކަމުގައި ވިޔަސް ބެލެންޖެހޭނެ އެވެ. އެހެންކަމުން ގާނޫނާއި ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ކޮންމެ ވެސް ކޯޓަކުން ބަލަންޖެހެއެވެ. އެ މައްސަލަ ކޯޓަކުން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ސުޕްރީމް ކޯޓުގެ ދައުރު ވަރަށް ބޮޑުކަމަށް ގިނަ ގާނޫނީ ވަކީލުން ފާހަގަ ކުރެއެވެ.