އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް މަގުބޫލުކަން ލިބެމުން އަންނަ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން އަރިޖިތު ތައްޔާރުވަމުން އަންނަނީ ޖަންގަލް އެޑްވެންޗާއެއް ޑައިރެކްޓް ކުރުމަށެވެ. މި ފިލްމަކީ އިންޑިއާގައި ވާހަކަދައްކާ އުޅޭ ހުރިހާ ބަހުރުވައަކަށް ވެސް ހާއްސަ އެ ޤައުމުގެ ކޮންމެ ރައްޔިތަކަށް ވެސް ފިލްމުގައި ދައްކާ ވާހަކަ އޮޅުންފިލާނެ ގޮތަކަށް ލަވަކިޔުންތެރިޔާ އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަހާވީރު ޖެއިން ފިލްމްސްއާ ގުޅިގެން އަރިޖިތު ގެނެސްދޭން ނިންމާފައިވާ މި ފިލްމަށް ކިޔާނެ ނަމަކާއި ފިލްމުގެ ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު ފިލްމުގެ ސްކްރިޕްޓް ވެސް އަރިޖިތު ވަނީ ލިޔެ ނިންމާފައިކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

އަރިޖިތު ސިންގް އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގައި މި ވަގުތުހުރި އެންމެ ކާމިޔާބު އަދި މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އަރިޖިތުއަކީ ދެ ނެޝަނަލް އެވޯޑު ހާސިލުކޮށް އިންޑިއާގެ ސަރުކާރުން އަރުވާ ޕަދުމާ ޝްރީގެ ޝަރަފު 2015ގައި ލިބިފައިވާ ފަރާތެކެވެ.

އުމުރުން 38 އަހަރުގެ އަރިޖިތު އަކީ 2020 ވަނަ އަހަރުން ފެށިގެން 2024ވަނަ އަހަރާ ހަމައަށް އެންމެ ގިނަ ބަޔަކު ސްޓްރީމްކުރި އިންޑިއަން އާޓިސްޓުގެ މަގާމު ވެސް ހޯދާފައިވާ ފަންނާނެކެވެ.

މީގެއިތުރުން މަޝްހޫރު މިއުޒިކް އެޕްލިކޭޝަން ސްޕޮޓިފައިގައި 150 މިލިއަނަށްވުރެ ގިނަ ފޮލޮވަރުން ތިބި ލަވަކިޔުންތެރިޔާ ވެފައި ވަނީ މި އަހަރު މިހާތަނަށް އެންމެ ގިނަ ބަޔަކު ފޮލޯކޮށްފައިވާ ބައިނަލްއަޤްވާމީ ފަންނާނަށެވެ.