05 Aug 2012, 10:07
ނިއުދިއްލީ (އޮގަސްޓް 5): ދެ ހާސް ތޭރަ ވަނަ އަހަރު މާސްއަށް އުޅަނދެއް ފޮނުވުމަށް އިންޑިޔާގެ ފެޑްރަލް ސަރުކާރުގެ ކެބިނެޓުން ނިންމައިފި އެވެ.
އިންޑިޔާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" ބުނި ގޮތުގައި އިންޑިޔާގެ ސްޕޭސް ރީސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން މާސްގެ ދިރާސާތައްކުރާނެ ރިމޯޓް ކޮންޓްރޯލް ޖައްވީ އުޅަނދެއް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެޕްލެނެޓަށް ފޮނުވުމަށް އިންޑިޔާގެ ފެޑްރަލް ސަރުކާރުގެ ކެބިނެޓުން މިދިޔަބުރާސްފަތި ދުވަހުވަނީ ނިންމާފަ އެވެ. ފެޑްރަލް ކެބިނެޓްގެ މިނިންމުމާގުޅިގެން އިސްރޯގެ މަސްއޫލުވެރިއަކު ވިދާޅުވީ މިއުޅަނދު ބަނުމާއި އެއުޅަނދު މާސްއަށް ފޮނުވުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވެސް ކުރަމުންގެންދާ ކަމަށާއި 4.5 ބިލިޔަން އިންޑިޔަން ރުޕީސް (80 މިލިޔަން އެމެރިކާ ޑޮަލަރު) މިއުޅަނދަށް ޚަރަދުވާނެ ކަމުގަ އެވެ.
މި މަޝްރޫޢުގެ ދަށުން ރިމޯޓް ކޮންޓްރޯލް އުޅަނދު މާސް އަށް ފޮނުވުމަށް އިސްރޯއިން ރާވާފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މިއުޅަނދަށް ފަހު ދެން އިންޑިޔާ އިން މާސްއަށް އުޅަނދެއް ފޮނުވުމަށް ރާވާފައި ވަނީ 2018 ވަނަ އަހަރުގެ މޭ މަހުގަ އެވެ. އިސްރޯއިން ރާވާފައި ވަނީ، 1350 ކިލޯގްރާމް ހުންނަ މިއުޅަނދު މާސްގެ ސަތަހާ ކައިރީގައިވާ އޯބިޓެއްގައި ބަހައްޓައިގެން އެޕްލެނެޓާބެހޭ މަޢްލޫމާތު ޖަމާކޮށް އެމަޢްލޫމާތު އިސްރޯއަށް ފޮނުވާ ގޮތަށެވެ.
މިކަމާ ބެހޭ ގޮތުން އިންޑިޔާގެ ސައެންސާބެހޭ ވުޒާރާ އިން އެޤައުމުގެ ފެޑްރަލް ކެބިނެޓަށް އިއްޔެ ހުށަހެޅި ކަރުދާހުގައިވާ ގޮތުން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މާސްއަށް ފޮނުވާލާ މިއުޅަނދު މާސް އަށް ވާސިލްވާނީ 300 ދުވަހުގެ ދިގު ދަތުރުކަށްފަހުގަ އެވެ. އިސްރޯއިން މާސްއަށް އުޅަނދެއް ފޮނުވުމުގެ މަޝްރޫޢު ރޭވީ 2008 ވަނަ އަހަރު އިންޑިޔާ އިން ހަނދަށް ފޮނުވި ޖައްވީ އުޅަނދު "ޗާންދްރިޔާން-1"ގެ ކާމިޔާބު މަސައްކަތަށް ފަހު އޭގެ އަލީގަ އެވެ.
ބިމާ އެއްގޮތް ސިފަތަކެއް ހުންނަ މާސް ޕްލެނެޓް ދިރާސާ ކުރުމަށް އެތައް ޤައުމަކުން މިހާރު މަސައްކަތް ކުރަމުން އެބަގެންދެ އެވެ. މީގެތެރޭގައި ރަޝިޔާއާއި އެމެރިކާ އާއި ޔޫރަޕާއި ޖަޕާނާއި ޗައިނާ ހިމެނެ އެވެ. އިންޑިޔާއަކީ މާސްއަށް އުޅަނދެއް ފޮނުވާ ހަވަނަ ޤައުމެވެ.
އިންޑިޔާއަކީ ފަޒާގެ ޓެކްނޮލޮޖީގައި ވަރަށް ހަލުއިކަމާ އެކު ކުރިއަރަމުންދާ ޤައުމެއް ނަމަވެސް މިހާތަނަށް އިންޑިޔާއިން ޖައްވަށް އިންސާނަކު ފޮނުވާފައެއް ނުވެ އެވެ. ޖައްވަށް އިންސާނަކު ފޮނުވުމުގެ ޤާބިލްކަން އަދި ލިބިފައި ވަނީ އެންމެ ތިން ޤައުމަށެވެ. އެއީ ރަޝިޔާ، އެމެރިކާ އަދި ޗައިނާ އެވެ. އިންޑިޔާ އިން ޖައްވަށް އިންސާނަކު ފޮނުވުމަށް ރާވާފައި ވަނީ 2014 ވަނަ އަހަރު އެވެ. (ދަހިންދޫ)