ތެހެރާން (އޮގަސްޓް 5): އީރާނުން 300 ކިލޯމީޓަރުގެ ކުރު ރާސްތާގެ ބެލަސްޓިކް މިސައިލެއް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފި އެވެ.

މިމިސައިލް އުފެއްދި އީރާނުގެ ޖިޔޮސްޕެޓިއަލް އިންޑަސްޓްރީ ޙަވާލާދީ އެޤައުމުގެ މަހްރު ނޫސްއެޖެންސީ ބުނި ގޮތުގައި މިއީ އެއިންޑަސްޓްރީން ތަރައްޤީކުރި "ފާތިޙް 110" މަރުކާގެ ހަތަރުވަނަ ޖީލުގެ މިސައިލެކެވެ. މިއީ މިޖީލުގެ މިސައިލެއް އީރާނުގެ ސިފައިން ތަޖްރިބާކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިމިސައިލް އުފެއްދި އީރާނުގެ ޖިޔޮސްޕެޓިއަލް އިންޑަސްޓްރީގެ އިންޖިނޭރުން މިމިސައިލްވަނީ ކުރިން ތަޖްރިބާކޮށްފަ އެވެ.

މިގެކުރިން އީރާން ތަޖްރިބާކޮށްފައިވާ "ފާތިޙް" މަރުކާގެ މިސައިލްތަކުގެ ރޭންޖް އުޅެނީ 150 ކިލޯމީޓރާއި 250 ކިލޯމީޓަރާ ދެމެދުގަ އެވެ. އީރާނުން މިހާތަނަށް ތަޖްރިބާކުރި އެންމެ ދުރުރާސްތާގެ މިސައިލަކީ "ޝިހާބު3" މަރުކާގެ މިސައިލެވެ. އެއީ 2500 ކިލޯމީޓަރުގެ މިސައިލެކެވެ. ނަމަވެސް އީރާނުން މިމަރުކާގެ މިސައިލް އިތުރަށް ތަރައްޤީކޮށް 3000 ހާސް ކިލޯމީޓަރަށް އޭގެ ރޭންޖް މިހާރު އިތުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުން މެދުރާސްތަގެ މިސައިލެއް ތަޖްރިބާކޮށްފައި މި ވަނީ އެޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ އާއި އިސްރާއީލުން ދިންތާ 48 ގަޑީއިރު ތެރޭގަ އެވެ. އީރާނުން އިއްޔެ ތަޖްރިބާކުރި ފާތިޙް މަރުކާގެ މިސައިލަކީ ހަނގުރާމަމަތީ މަނަވަރުތަކަށާއި ރާޑަރުތަކަށް ޙަމަލާދިނުމުގެ އިތުރުން އެއްގަމުގެ އެތައް އަމާޒުތަކަކަށް ވަރަށް އެކިއުރޭޓްކޮށް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ސްމާޓް ޓެކްނޮލޮޖިގެ މިސައިލެއް ކަމަށް މިމިސައިލް އުފެއްދި އީރާނުގެ "ޖިޔޮސްޕެޓިއަލް އިންޑަސްޓްރީ" ން ބުނެ އެވެ. (އަލްޢާލަމް)