އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ނިމިފައި އޮތީ 54 ޕަސެންޓު މަސައްކަތް ކަމަށާއި، ކުރަން ޖެހޭ މުހިންމު މަސައްކަތްތައް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނެތް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވީއައިއޭގެ އާ ޓާމިނަލް ބައްލަވާލެއްވުމަށް އެ ތަނަށް ވަޑައިގެންނެވިއިރު ޓާމިނަލްގެ އިމާރާތުގެ ސްޓްރަކްޗާ ނިމިފައި އޮތްކަން ފާހަގަކުރެއްވުނު ކަމަށާއި، ނަމަވެސް ކުރަން ހުރި ބައިވަރު މަސައްކަތްތައް އެއްވެސް ބަޔަކާ ހަވާލުނުކުރާ ކަން ވެސް ފާހަގަކުރެއްވުނު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގެ ބޭނުން ހިފުމަށް ޓަކައި ހަދަން ޖެހޭ މައި މަގު ހަދަން ހަވާލުކޮށްފައި ނެެތެވެ. އަދި ޓާމިނަލްގެ އެތެރޭގައި ޑިއުޓީ ފްރީ އާއި ކޮމާޝަލް އޭރިއާ ވެސް ހަދަން ހަވާލުކޮށްފައި ނެތެވެ. އެހެންވެ، އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ތަންތަން ހެދުމަށް ހަވާލުކުރަން ޖެހުނީ މި ސަރުކާރުންނެވެ.

"އެހެން ގޮސް އިތުރު ބައެއް މަސައްކަތް ހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް އޮތް ދެ މަހުގެ ތެރޭ ފުރިހަމަވާނެ ކަމަށާއި، އެ ތަން މި ހުޅުވަނީ މިވަގުތަށް ބޭނުންވާ ވަރަށް ތަނުގެ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށެވެ.

އެހެންވެ، މަސައްކަތް އެއްކޮށް ނުނިމެނީސް މިނިވަން ދުވަހާ ދިމާކޮށް ހުޅުވަން މާ އަވަސްކަމަށާއި، އަވަހަށް ހުޅުވި ނަމަވެސް ލިބޭނެ އިގްތިޞާދީ އެއްވެސް ފައިދާއެއް ނެތް ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެ ވެފައެވެ.

ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައެވެ.

އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު ސޯލިހުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ.

ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.