05 Aug 2012, 00:48
އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިދޭ ގަވައިދުގެ މުއްދަތު އޮގަސްޓު 5، 2012 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާތީ، އެ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސްއަށް ދެއްވައިފި އެވެ.
މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މާދަމާ ބާއްވާ ޖަލްސާއަށް ޕާޓީތަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަށް ދީފައި ވާތީ މަޖިލީހުގެ ކުރިހާ މެންބަރުންނަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޝުކުރު ދަންނަވާ ކަމަށެވެ.
މާދަމާ ޖަލްސާއެއް ބޭނުނު ނަމަވެސް، ޖަލްސާތައް އާންމުކޮށް ބާއްވާ ދުވަސްތަކުގައި ބޭއްވޭނީ މަޖިލީހުގައި އަމާން މާހައުލެއް ގާއިމު ކުރެވިގެން ކަމަށާއި މަޖިލީހުގައި އަމާން މާހައުލެއް ގާއިމްކުރުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މިދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ޖަލްސާތައް ބޭއްވުމަށްޓަކައި ޕާޓީތަކުން މަޝްވަރާކޮށް، މަޖިލީހުގެ މެންބަރުންގެ ސުލޫކުގެ ގަވައިދާއި މަޖިލީހުގެ އިމްތިޔާޒުގެ ބިލާއި މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަންޖެހޭ ކަމަށާއި ޕާޓީތަކުން ބާއްވާ މަޝްވަރާތަކުގައި އެކަންތައްތަކާމެދު އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ތަޖުރިބާއަށް ބަލާއިރު މިފަދަ ކޮންމެ ކަމެއްގައި ެވސް ހައްލުތައް ނެރެދެއްވުމުގެއް ގާބިލުކަން މަޖިލީހުގެ މެންބަރުންގެ ކިބައިގައި އެބަހުރި ކަމަށްވަނީ ސާބިތުވެގެން ގޮސްފަ އެވެ. އަދި އިހްލާސްތެރިކަމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް ދެއްވައި ވީ އެންމެ އަވަސް ފުރުސަތެއްގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ މާހައުލެއް ގާއިމްކޮށްދެއްވުމަށް ވެސް މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވަ އެވެ،" ނޫސްބަޔާނުގައިވެ އެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގެ އެޖެންޑާގައި ވަނީ އެންމެ ކަމެކެވެ. އެއީ މާދަމާ ރޭ މުއްދަތު ހަމަވާ ގަވާއިދުތަކުގެ މުއްދަތު ހަމަވާ ތާރީހު އިތުރުކުރުމަށް ގަވާއިދު ކޮމެޓީން ފޮނުވާފައިވާ ރިޕޯޓް މަޖިލީހަށް އިއްވުމެވެ. އެއަށްފަހު އެ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ނުކޮށްފިނަމަ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ އަދި މަދަނީ ބައެއް ހައްގުތަކުން ރައްޔިތުން މަހުރޫމްވާނެ އެވެ.
މުއްދަތު އިތުރު ކުރަންޖެހޭ ގަވާއިދުތަކުގެ ތެރޭގައި އަދުލު އިންސާފު ގާއިމްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އިގްތިސާދީ އިޖުތިމާއީ އަދި ތައުލީމުގެ ދާއިރާ ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދު ހިމެނެ އެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި ވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ފުރުސަތު ނުދީ ތަކުރާރުކޮށް މަޖިލީހުގެ ޖަލްސާތަކުގެ ނިޒާމު ގެއްލުވާލާތީ އެވެ. މިދިޔަ މަހުގައި ބޭއްވި މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ގިނަ ޖަލްސާ ހުއްޓާލަންޖެހުނީ އެމްޑީޕީން މަޖިލިސް ހުއްޓުވާލުމުންނެވެ.
މާދަމާ ބާއްވާ ޖަލްސާއާ ގުޅޭ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުން ހުށަހަޅާ ކަންތައްތަކަށް ދޫދޭން އެމްޑީޕީ ތައްޔާރު ކަމަށެވެ. ނަމަވެސް އެ ޕާޓީތަކުގެ މެންބަރުން ގޮތް ދޫނުކޮށް ތިބޭނަމަ މަޖިލިސް ކުރިއަށް ނުދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.