ބެލެވޭ ގޮތުގައި ދުނިޔޭގައި އިންސާނުންނަށް ވުރެ ދޮށީ ޖަނަވާރެވެ. އެއާއިއެކުވެސް އިންސާނުންގެ ބުއްދިއާއި ވިސްނުމާއި އަޅުވާބަލާއިރު ޖަނަވާރު ތަކުގެ އެބައި ތަފާތުކޮށް ދެރައީ ކަމުގައި ގަބޫލުކުރަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އިންސާނުން ދުނިޔޭގެ މި ކުލަތަކުގެއަވައިގައި ޖެހި ތަރައްގީއޭ މިކިޔާ އޮޅުންބޮޅުންގަނޑުގެ ތެރޭގައި " ކުރިއަރައި ދިއައީ " ކަމުގައި ނިންމައެވެ. އެގޮތުން ޖަނަވާރުތައް އަދި މިއަދުވެސް އެކަތިއަނެކަތީގެ މައްޗަށް ގަދަވެގަނެ ހެދުމުގައި ބޭނުންކުރަމުންގެންދަނީ އަމިއްލަ ހަށިގަނޑުގައި ހުރި ކުޅަދާނަކަމަކާއި ބާރެކެވެ. އެއާއި ތަފާތުކޮށް އިންސާނުން މިހާރު ބަޑިއާއި ބޮމާއި ފިސްތޯލަފަދަ ތަކެތީގެ އިތުރުން ސިނކުޑީގެ ހަނގުރާމަ ތައްވެސް އެގެންދަނީ ކުރަމުންނެވެ.

ބުނެވޭ ގޮތުގައި ޖަނަވާރުތަކުގެ ވާހަކަދެއްކުން އެއްމެ ފުރަތަމަ ވާހަކައިގެ ގޮތުގައި ލިޔަން ފެށީ އަހަރެމެން ދިވެހިންގެ ތެރެއަށް މިހާރުދިވެހިބަހުން ވެސް އެވާހަކަ ތަރުޖަމާކޮށް ނެރެފައިވާ ކަލީލާ އާއި ދިމްނާ ލިއުނު ލިއުންތެރިޔާއެވެ. ދޫނިތަކާއި ގެރިބަކަރި ފަދަ ތަކެތި ވާހަކަދައްކާ ކަމުގައި އޭނާގެ އެވާހަކައިގައި ގެނައި ގެނައުމަކީ މިއަދުގެ ތަފާތު އެތަކެއް ފިލްމުތަކާއި ތަމްސީލުތަކުގައި ޖަނަވާރުތަކުގެ ބޭނުންހިފައި އެގޮތުން އެފަދަ ވާހަކަތަކާއި ފިލްމުތަކަށް އަހަރެމެންގެ ސަމާލުކަން ހޯދައިގަންނަން ފެށުނުފެށުމެވެ.

މިހާރު މިޒަމާނުގައި މިއޮތީ ޖަނަވާރުތަކުގެ ތަރައްގީ އަށް ވެސް މިގޮތުން މަގުހުޅުވި ޖާގަލިބިފައެވެ. އެސޮރުމެން ވެސް ފުރުސަތުގެ ބޭނުން ހިފައި ތަފާތު މަގާމުތަކާއި އިސްގޮނޑިތަކުގައި އިށީންނަމުން ދާކަހަލަ އެވެ. ދާދިފަހުން އެއްރެޔަކު ނިދުނީވެސް ކުރިންމިބުނި ކަލީލާ އާއި ދިމްނާ ވާހަކަ ކިޔަން އޮއްވައެވެ.

***

މަޖިލީހަށް މެންބަރުން ހޮވަންލީ ވޯޓުގެ ނަތީޖާ ގައި ހޮވުނު މެންބަރުންނާއިމެދު ވަރަށްގިނަ ބައެއްގެ ވިސްނުންތަފާތު ވެގެންދިޔައެވެ. ސަބަބަކީ ގިނަ ގޮނޑިތަކަށް ހޮވިފައިވަނީ އިންސާނުންގެ ބަދަލުގައި ބައެއް ކަހަލަ ޖަނާވާރާއި ދޫނިސޫފާސޫތްޕާއި މެހިކުރަފިހޯނު، ރަކިސްބޮނޑު، ހިކަނދި މީދާ ކަމުގައިވާތީއެވެ. އެގޮތް ކަމުނުގޮސްގެން އިސާހިތަކު މައްސަލަޖައްސައިފިއެވެ. ފުލުހަށާއި ކޯޓުތަކަށް ހުށަހަޅައިފިއެވެ. އެހުރިހާ ތާކުން ވެސް މިކަމާއި ކަންބޮޑުވުން ފާޅުކުރިއެވެ. އެކަމަކު އެގޮތަށްވޯޓުލީ މީހުންގެ ފަރާތުން އެހޮވުމަކީ ހަމަރަނގަޅު ހޮވުމެއްކަން ސާބިތުކޮށްދިނުމުގެ ނަތީޖާއަކަށްވީ އެހުރިހާ އެއްޗެއްސަކީވެސް ( މިހާރުއޮތް ގާނޫނު އޮތްގޮތުން ) މަޖިލީހުގެ މެންބަރުންކަމުގައި ހަމަޖެހުމެވެ. ބައެއްކަހަލަ ހަރުމީހުން ދެންވާނެގޮތް ކިއައިދިނުމުގައި މަޖިލީހުގެ އެއްވެސް ކަމެއް އެދެވޭ ފެންވަރެއްގައި ނުގެންދެވޭނެ ކަމުގެ ޔަގީންކަން ދީއުޅުނެވެ. އަނެއްބައެއްމީހުން ބުނީ ހޮވިފައި ތިޔަތިބި މެންބަރުންނަކީ ދުނިޔޭގެ ފެންވަރުގައިވެސް މަޖިލީހަކަށް ހޮވޭނެ އެއްމެ އެކަށޭ ހުނަރު ހުރި ބައެއްކަމުގައެވެ.

މަޖިލީސް ހިނގަމުންދެއެވެ. ނުވަތަ މަޖިލީހުގެ އުމުރުން ދުވަހަކަށްފަހު ދުވަހެއް ހިނގައިދެއެވެ. ގިނަ ދުވަސްދުވަހު އެއްކަމެއްވެސް ނުކުރެވި އެވެ. އަދަދު ހަމަނުވުމަކީ އާއްމުކަމެކެވެ. ފާޅުގައި އެނގެންވެސް އޮތް ކަމެކެވެ. އެއީ ގެރި މަޖިލީހަށްދާން ނުކުމެގެން ދާމަގުމަތީގައި ރަނގަޅު ވިނަގަނޑަކާއި ދިމާވެއްޖެނަމަ އެސޮރު ދާނީ ކައިގެންކަމުގައި ވުމާއި ކުރައްޕާއި މެއްސަށް މަޖިލީހަށްވުރެ ކުނިކާނާ މުހިންމުވާކަމެވެ. ކާޅަކަށް ނުވަތަ ކާޅުތަކަކަށް ގަވައިދުން ތާކަށް ދެވޭނީ އެސޮޜުމެންގެ ބަނޑުހައިވުމުގައި ގަވައިދެއް އޮންނަނަމަ ތާއެވެ. ނަތީޖާ އެއްގެގޮތުން ޖަލްސާގެ އަދަދު ހަމަނުވެގެން ދަނީއެވެ. ހަމަވާދުވަސްދުވަހު އެހާފޯރިގަދައެވެ. އެކިއަޑުން އެކިޖަނަވާރު މައްސަލަތަކާއި މެދު ވާހަކަދައްކާ ހަދާއިރު ބަލާފޫހިނުވެ ޓީވީ ބަލަން އިނދެވެއެވެ. ޖަނަވާރުތަކުގެ އަޑުގަދަ ކަމާއި ހަޅޭކުގެ ކަންތައްބޮޑުކަމުން އިންސާނަކު އަނގައިންބުނާނީ ދާދިމަދު ފަހަރަކު އެވެ. ބުންޏަސް އެބުނިއެއްޗަކާއި ވިއްދައިގެން އެއަށް ރައްދުދީ ނުގުތާތަކާއި މައްސަލަތައް ކުރިމަތިކުރާނެ އެވެ. އެއްމެ ފާހަގަ ކުރެވެނީ ސަންގުގެރި އާއި ކާޅުކޮވެއްޔެވެ. ހަމަ އެގިންތީގައި ކާޅާއި ރަކިސްބޮނޑުވެސް ހިމެނެއެވެ. ރަކިސް ބޮނޑަށް ހަޅޭއްލަވައި އަޑުގަދަ ނުކުރެވުނަސް އޮތްތާނގައި އޮވެ ބޯޖަހާނެއެވެ. ވަކިހިސާބަކަށް ދާއިރަށް ރާސް ލާފައި ދުވެގޮސް އަރައިވެސް ގަންނާނެއެވެ.

ބަލައިލަން އެއްމެ މަޖާ އެއްމަންޒަރަކީ ޖަލްސާމެދުކަނޑާލާ ވަގުތުތަކެވެ. އަވަސް އަވަހަށް ޖެހުނު ދިމާއަކަށް ދުއްވައިގަންނަ ތަނެވެ. ކޮންމެވެސް ކާއެއްޗަކާއި ދިމާއަށެވެ. ކާން ސައިބޯން އެހެންތިއްބާ މަޖިލިސް އަލުންފަށާ ގަޑި ޖެހިގެން ދާ ދިއުމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. އެހެންތިބޭއިރު މުޅިންވެސް ދައްކާނީ އެހެންމީހުންގެ ވާހަކައެވެ. އެހެން އެއްޗެތީގެ ވާހަކައެވެ. ގެރި ބަކަރި ބުޅާ މުސަޅުގެ ބައިގަނޑަކަށް ދޫނިސޫފާސޫފީގެ ހަމަ އެއްކަމެއްވެސް ކަމަކު ނުދާނެއެވެ. މެހިކުރަފި ހޯނާއި ހިކަނދިމީދާ ވެސް ހަމަ އެހެން ނެވެ. އެމީހުންނަށް ކަމުދާނީ ހަމައެކަނި އެމީހުންނެވެ. އިންސާނުންވެސް ވަކިތަފާތެއްނުވެއެވެ. މިކަމަކީ އަޖައިބުވެ ހައިރާންވާންވީ ކަމެއްވެސް ނޫނެވެ. މިހާ ތަފާތު އެއްޗެހިތަކެއްގައި ހަމަ މިތަފާތު ހުންނާނެއެވެ. ޖަލްސާގައިވެސް މި މެންބަރުންނާއިއެކު ކަންތައް ހުންނާނީ ހަމަ މިގޮތަށެވެ. ކާޅަކަށް ކަނއިން—ކަނއިން ނުގޮވައެއް ނުއިނދެވޭނެ އެވެ. ރަނުގެ ގޮނޑިއެއްގައި ސިންގާސަނާ ގައި ބޭންދިޔަސް ކުރަފި ހިމޭނަކުން ނީންނާނެއެވެ. މުޅިތާނގައިދުވެ ގޮނޑިންފުންމާލައި ޖެހިގެން ހުންނަ މޭޒުމައްޗަށްވެސް ކުރަފި އަރާނެއެވެ. ވިސްނާލާއިރު މަޖިލީހުގެ ޖަލްސާތައް އެހިނގަނީ ހަމަ ހިނގަން ވީ ގޮތަށެވެ. މެންބަރުންގެ ގޮތުގައި އެފަދަ އެއްޗިއްސަށް ގާނޫނުގެ ހުއްދަ އޮންނަންޏާ މިއީ ކަން ވާންވެސް ވީ ގޮތެވެ. ހަމައެއްލަމައެއް ހުންނާނީ ހަމަހިފެހެއްޓޭފަދަ މެންބަރުންތަކެއްނޫނީ މަޖިލީހަށް ނުހޮވޭގޮތަށް ހަމަޖެއްސިގެންނެވެ. މަޖިލީހުގެ މެންބަރަކަށް ހޮވާފައި އޮންނަ ގެރިއަކަށް މަޖިލީހަށް " ގުއިނުރީ " އޮންނަން އަމިއްލައަކަށް ނޭނގޭނެކަން އަހަރެމެންނަށް އެނގެންޖެހެއެވެ.

މަޖިލިސް ހަމައަކަށް އެޅުވޭނެ އަނެއްގޮތަކީ މިހާރު ދީފައި ނުވަތަ ދެވިފައި އެއޮތް އަމިއްލަ އަމިއްލައަށް އުޅޭނެގޮތަކަށް އުޅުމުގެ ބާރު ގާނޫނީގޮތުން ހިފަހައްޓާ މެންބަރުން ހަމަ މަގަށް އެޅުވުމުގެ އިޚުތިޔާރު އެހެންބަޔަކަށް އޮންނަންވީ އެވެ. ގަޑިޖެހުނީމާ ލާރިކެނޑޭގޮތަށެވެ. ނާންނަ ނައުމަށް ޖޫރިމަނާވެސް ވާގޮތަށެވެ. ތަނުގެ މަސްލަހަތު ނަގާލުމާއި ޖެއްސުންކުރުމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކާއި ދޭތެރޭ ހަރުކަށިފިޔަވަޅު އަޅައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށެވެ.

މިކަހަލަ އެއްވެސް ގޮތެއް ނުހަދައި އަޅާނުލައި ދޫކޮށްލައިގެންތިބެ މެންބަރުންގެ ގޮތުގައި އެތިބަ އެއްޗެތި ތަކާއި މީހުން ކުށްވެރިކުރާނެ ބޭނުމެއްނެތެވެ. މަހަކުތިންހިއްލުން ހިއްލުމެއްގައި ދިހަދުވަހޭ ބުނާފަދަ ލުއިފަސޭހަ ޗުއްޓީތަކެއްގައި އެމީހުންދާތީ ، ނުވަތަ މުސާރައާއި އިތުރުފައިސާ އެއްފަހަރުން ނުގެންދެވޭހާ ގިނަވެގެން ޗުކުޗުކު ލެއްވުމުގެ އެއްވެސް މާނައެއްނެތެވެ.

***

ހޭލެވުނީ ފަތިސްވެ، ކާޅުތައް ކާނއިން – ކާނއިން – ކަނއިން އަޅުވާ ލަވަންފެށި ހަޅޭކުގެ އަޑަށެވެ. ހިތަށް އެރިއެވެ. ޖަނަވާރު ތަކުގެ ތަރައްގީ އަކީ މިއީބާއެވެ!