27 Aug 2010, 09:02
14:03
ދެކުނު ބައެއް އަވަށްތަކުގައި ފެންބޮޑުވުމުގެ ބިރު ހީވެފައިވާތީ، އެ އަވަށްތައް ދޫކޮށް ދިއުމަށް ޕާކިސްތާނުގެ ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އަންގައިފި އެވެ.
ޕާކިސްތާނަށް ކުރި މޫސުމީ ވިއްސާރާގައި، ކޯރުތައް ފުރި ބަންޑުވެ، 3.2 މިލިއަން ހެކްޓަރުގެ ދަނޑުވެރިކަންކުރާ ބިން ވަނީ ފެނު އަޑީގަ އެވެ. ނަމަވެސް، ކޯރުތައް ފުރިގެން ބަންޑުންޖެހެމުންދާއިރު، އަދިވެސް އިތުރު ސަރަހައްދުތަކުގައި ފެންބޮޑުވާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.
އެގޮތުން ޕާކިސްތާނުގެ ދެކުނު ހަތަރު އަވަށެއް ދޫކޮށް، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގޮވާލާފަ އެވެ. އެގޮތުން ދިހަ ލައްކައެއްހާ މީހުން ދިއުޅެމުންދާ އެ ސަރަހައްދުތަކުން އެހެން ހިސާބުތަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާއިރު، ކޯރުތައް ފުރިގެން ބަންޑުވުން ހުއްޓުމަށްޓަކައި އަޅާފައިވާ އާޓިފިޝަލް ބިންގާތަކާއި ޑޭމްތަކަށް ދަނީ ބާރުބޮޑުވަންނެވެ.
އެގޮތުން ފެންބޮޑުވުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސިންދް ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ޝާހްދަދުކޮތު ޕްރޮވިންސްގެ ޑޭމެއް ހަލާކުވެ، ކައިރި ދަނޑުބިންތަކުގައި ވަނީ އެއްކޮށް ފެންބޮޑުވެފަ އެވެ.
މީގެ އިތުރުނ ހަތަރު ލައްކައެއްހާ މީހުން ދިރިއުޅެމުންދާ، ސުޖާވަލު އަވަށާއި އެ އަވަށާ ކައިރި ހިސާބުތަކުން އެހެން ހިސާބުތަކަށް ވަގުތުން ބަދަލުވުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގައިފަ އެވެ. ނަމަވެސް، އަމިއްލަ ގެދޮރު ދޫކޮށްދިއުމަށް ބައެއް ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ 1،600 އަށްވުރެ ގިނަ މީހުން މަރުވެ، 4 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.