މަޖިލީހުން ގާނޫނީ ބާރު ދޭންޖެހޭ 53 ގަވާއިދުގެ ތެރެއިން 29 ގަވާއިދެއް ގެޒެޓް ކުރަން ނިންމައި ރައްޔިތުން މަޖިލީހުން ގާނޫނީ ބާރުދޭން ޖެހެނީ 20 ގަވާއިދެއް ކަމުގައި ކަނޑައަޅުއްވައި އެކަން ރައްޔިތުން މަޖިލީހަށް އެޓާނީ ޖެނެރަލް މިއަދު އަންގަވައިފި އެވެ.

އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވީ މާދަމާ ރޭގެ 12:00 ޖަހާއިރަށް ގާނޫނީ ބާރު ނުލިބިއްޖެ ނަމަ ދައުލަތް ގާނޫނީ ހުއްޓުމަކަށް އަތުވެދާނެ 53 ގަވާއިދެއް ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަ ދިރާސާ ކުރި ކުރުމުން ގާނޫނީ ބާރު ނުލިބުނު ކަމުގައިވިޔަސް އޭގެ ތެރެއިން 29 ގަވާއިދެއް މާދަމާގެ ގެޒެޓްގައި ޝާއިއުކުރެވޭނެ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ވެސް އަދި ގާނޫނީ ބާރު ހޯދުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގަވާއިދުތަކުގެ ލިސްޓުން ވެސް ގާނޫނީ ބާރު ދޭން ޖެހޭނީ 20 ގަވާއިދަކަށް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު ދިރާސާ ކުރުމަށް ފަހު، އޭގެތެރެއިން 31 ގަވާއިދެއް ގެޒެޓް ކުރަން ނިންމާފައިވާކަން އަޅުގަނޑު ހާމަކުރަން. އެ ލިސްޓުން އުނިކުރެވިދާނެ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވި 31 ގަވާއިދުގެ ތެރެއިން ގެޒެޓް ކުރަން ނުޖެހޭނެ ކަމަށް އަޅުގަނޑުމެން މި ނިންމީ 29 ގަވާއިދެއް. އުނިކުރާ މި ދެ ގަވާއިދަކީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ގަވާއިދު، އަޅުގަނޑުމެން ދެ ކުނީ އެ ކެޒެޓެއް ގޮތަށް ހަމަޖައްސަން ކުރަން ޖެހޭނެ ގަވާއިދެއް ނޫން ކަމަށާއި އެއީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހަކީ ލަފާދޭ މަޖިލީހެއް ނޫނީ އިދާރީ މަޖިލީހަކަށް ވާތީ އަޅުގަނޑުމެން ކަޑަމިއެޅީ އެ ގަވާއިދު ގެޒެޓް ނުކުރަން. ދެން އަނެއް ގަވާއިދަކީ ޖިނާއީ އިޖުރާއަތުގެ ގަވާއިދު، އެގަވާއިދަކީ އަމަނުކުރެވޭނެ ކަމަށް ކަޑައަޅާފައި އޮތް ގަވާއިދެއް. އެހެންކަމުން އެ ލިސްޓުގެ ތެރެއިން 29 ގަވާއިދެއް މާދަމާގެ ވަގުތެއްގައި ސަރުކާރުން ގެޒެޓް ކުރާނެ އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގާނޫނީ ބާރު ދޭން ޖެހޭ ގަވާއިދުގެ ލިސްޓުން ވެސް އަދި މަޖިލީހުގެ ލިސްޓު ވެސް 20 ގަވާއިދަކަށް ތިރިވެގެންދާނެ،" އާޒިމާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މިއަދު ގެޒެޓް ކުރަން ނިންމި ގަވާއިދުތައް ގެޒެޓް ނުކުރެވި އޮތީ ކުރިން އެ ގަވާއިދުތައް ބަލައި އެ މައްސަލަ ރަނގަޅަށް ދިރާސާ ކުރެވިފައި ނެތުމުން ކަމަށާއި ނަމަވެސް އެ މައްސަލަ ކުރިމަތިވެ ރަނގަޅަށް ދިރާސާކުރުމުން 29 ގަވާއިދެއް ގެޒެޓް ކުރެވޭނެ ކަމަށް ނިންމެވީ ކަމަށެވެ. އަދި އެ 29 ގަވާއިދު އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލް އުނިކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރު އެދިވަޑައިގެންފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯޓުތަކުގެ ގާނޫނާއި ފަޑިޔާރުންގެ ގާނޫނު ވެސް މިހާރު ފާސްވެފައި ވުމުން އެ ގާނޫނުގެ ތެރެއިންވެސް ގެޒެޓް ކުރެވޭނެ ގަވާއިދުތަކެއް އެބަހުރި ކަމަށާއި އެ ގަވާއިދުތައް އަންގައިދިނުމަށް ސްޕްރީމްކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ގާނޫނީ ބާރު ލިބެންޖެހޭ ގަވާއިދުތަކަކީ ޕެރޯލް ގަވާއިދާއި އެއްވެ އުޅުމުގެ ގަވާއިދާއި ޖަލުގެ ގަވާއިދާއި މާލޭގެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދާއި ބިނާވެރި ތަރައްގީ ކުރުމާއި ހިންގުމުގެ ގަވާއިދާއި ޓެލެކޮމިއުނިކޭޝަނާ ބެހޭ ގަވާއިދައި ސިޔާސީ ޕާޓީގެ ގަވާއިދާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދާއި އިންޝުއަރެންސާ ބެހޭ ގަވާއިދާއި ފައިނޭންޝަލް ލީސިންއާ ބެހޭ ގަވާއިދާއި ޝަރީއަތް ކުރުމާ ބެހޭ ދެ ގަވާއިދަކާއި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ގަވާއިދާއި ކުޑަކުދިން ކުރާ ކުށްތައް ބަލައި ތަހުގީގުކޮށް އަދަބު ދިނުމުގައި އަމަލުކުރާނެ ގަވާއިދާއި ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމުގެ ގަވާއިދާއި ޖިނާއީ މައްސަލަތަކުގައި އަވަސް ނިޔާ އިއްވުމުގެ ގަވާއިދާއި ކަފާލާތުގެ ދަށުން ދޫކުރުމުގެ ގަވާއިދާއި އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދެވެ.

އާޒިމާ ވިދާޅުވީ ގެޒެޓު ކުރަން ނިންމި ގިނަ ގަވާއިދުތަކަކީ އިދާރީ ހިންގުމާއި ގުޅުން ހުރި ގަވާއިދުތައް ކަމަށާއި އެ އުސޫލުގެ ތެރެއިން ގެޒެޓް ކުރެވޭނެ އެހެން ގަވާއިދުތަކެއް ވެސް ހުރެދާނެ ކަމަށާއި އެކަން ދިރާސާ ކުރުމަށް އިތުރުވަގުތު ބޭނުންވާނެ ކަމަށެވެ.

"ބާރު ދޭން ޖެހޭ ގަވާއިދުގެ ތެރޭން ވެސް މިސާލަކަށް މާލޭ ޕްލޭނިން ގަވާއިދު ނުވަތަ ބިލްޑިންގް ކޯޑު، އެއީ އަޅުގަނޑުމެންނަށް އަދިވެސް މަސައްކަތް ކޮށްގެން ގެޒެޓު ކުރެވިދާނެ ގަވާއިދުތައް. މިވަގުތު އެ ގަވާއިދުތަކުގެ ބޮޑެތި ކަމުންނާއި ކުރަން ޖެހޭ މަސައްކަތްތަކަށް ބަލާއިރު މި ދެތިން ދުވަހުގެ ތެރޭގައި ގެޒެޓް ނުކުރެވިގެން ދޫކޮށްލާފައި ހުރި ގަވާއިދުތައް ވެސް އެބަހުރި،" އާޒިމާ ވިދާޅުވި އެވެ.

ގާނޫނީ ބެލެނިވެރިކަން ދޭން ޖެހޭ ގަވާއިދު ތަކުގެ މުއްދަތު މާދަމާ ރޭގެ 12:00 ޖަހާއިރު ހަމަވާއިރު އެ ގަވާއިދުތަކަށް ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ ނިންމައިފަ އެވެ. މަޖިލީހުގެ ޖަލްސާއެއް މި ބާއްވަނީ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވެ ހަމަނުޖެހުން ބޮޑުވެގެން މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފައިވަނިކޮށެވެ.

އެ ގަވާއިދުތަކަށް ރުހުން ނުދެވިއްޖެ ނަމަ ގައުމު ގާނޫނީ ހުއްޓުމެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.