ގޯޑަން ބުރައުންގެ ބޮޑުވަޒީރުކަމުގައި އިނގިރޭސި ވިލާތުގެ އެޓާނީ ޖެނެރަލެއްގެ މަގާމު ފުރުއްވާފައިވާ އަދި ލޭބާ ޕާޓީގެ ޝެޑޯ ކެބިނެޓްގައި އެޓާނީ ޖެނެރަލެއްގެ މަގާމުގައި ހުންނެވި، ބެރޮނަސް ސްކޮޓްލެންޑް ރާއްޖޭގެ މިހާރުގެ ސަރުކާރަށް ލަފާދީފައިވާ ކަމަށާއި އެ މަސައްކަތަށް ދިވެހި ސަރުކާރުން އެ ކަމަނާއަށް 75000 ޕައުންޑް (1.8 މިލިއަން ރުފިޔާ) ދީފައިވާ ކަމަށް އިނގިރޭސި ނޫސް ޑެއިލީ މެއިލްއިން ބުނެފި އެވެ.

އެ ނޫހަށް ލިބިފައިވާ ލިޔުންތަކަކާ ހަވާލާދީ ޑެއިލީ މެއިލް އިން އިއްޔެ ޝާއިއު ކޮށްފައިވާ ހަބަރުގައި ބުނަނީ ޑރ. މުހަންމަދު ވަހީދުގެ ސަރުކާރަށް އެ ކަމަނާ ލަފާ އަރުވާފައި ވަނީ ދެ ހަފްތާ ވަންދެން ކަމަށާއި އެ މުއްދަތުގައި ދުވާލެއްގެ މައްޗަށް 7500 ޕައުންޑް (181425ރ.) މަގުން 75000 ޕައުންޑް (1.8 މިލިއަން ރުފިޔާ) އެކަމަނާ އަށް ދިވެހި ސަރުކާރުން ދީފައިވާ ކަމަށެވެ.

އެކަމަނާ ލަފާއަރުވާފައި ވަނީ ކޮމަންވެލްތުގެ، މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ހިމަނާފައިވާތީ އެކަމާ ގުޅޭގޮތުން ކަމަށް ވެސް ނޫހުގައިބުނެފައިވެ އެވެ. އަދި ބުނެފައިވަނީ އެކަމަނާ ރާއްޖެއަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރައްވައި ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ ބައްދަލުކުރެއްވި ކަމަށެވެ.

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވެސް މިއަދު ވިދާޅުވީ ކޮމަންވެލްތުގެ މައްސަލައިގައި ސަރުކާރުން އެކަމަނާގެ ގާނޫނީ ލަފާހޯދާފައިވާ ކަމަށާއި އެކަމަނާގެ ފީއަށް ދައްކާފައިވާ 75000 ޕައުންޑަކީ އޭޖީ އޮފީހުގެ ބަޖެޓްގެ ތެރެއިން އެފަދަ ކަންކަމަށް ހާއްސަކުރެވިފައިވާ ބަޖެޓްކޯޑުން ކޮށްފައިވާ ހަރަދެއް ކަމަށެވެ. އަދި ސަރުކާރުން މީގެ ކުރިން ވެސް ބޭރުފަރާތްތަކުގެ ގާނޫނީ ލަފާހޯދާފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ސަރުކާރުން ބޭރު ފަރާތްތަކުގެ ކިބައިން ގާނޫނީ ލަފާ ހޯދުމަކީ އައު ކަމެއް ނޫން. މީގެ ކުރިން އެއާމޯލްޑިވްސް މައްސަލައިގައި ވެސް ތިން ފަރާތެއްގެ ލަފާ ހޯދާފައިވޭ. އަދި މިހާރު ޖީއެމްއާރުގެ މައްސަލައިގައި ވެސް ރާއްޖޭން ބޭރުގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައިގައި މިދަނީ ގާނޫނީ ލަފާހޯދަމުން، މި މަސައްކަތްވާނީ ކުރެވިފައި، މި 75000 ޕައުންޑް މިއީ އޭޖީ އޮފީހުގެ ބަޖެޓްގެ ތެރެއިން ކުރެވިފައިވާ ހަރަދެއް މިއީ. އޭޖީ އޮފީހުގެ އެކި އެކި ދިރާސާތައް ކުރުމަށާއި މިހެންގޮސް ރާއްޖޭން ބޭރުގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކާއި ރާއްޖޭން ބޭރުގެ އެކި މުއައްސަސާތަކާ ގުޅިގެން ހިނގާ ދުސްތޫރީ މައްސަލަތަކާއި ގުޅިގެން އެހެން ތަންތަނުގެ ގާނޫނީ އޮނިގަނޑާ ބެހޭ ގޮތުން ހޯދަން ޖެހޭ ލަފަޔާއި ސީމެގް އަދި ކޮމަންވެލްތް ތަންތަނުގެ ކޮންސްޓިޓިއުޝަނަލް ރޫލްއޮފް ޕްރޮސީޖާގެ ތެރެއިން ކުރަން ޖެހޭ މިފަދަ ހަރަދުތައް ކުރުމަށް ބަޖެޓްގައި ކޯޑެއް އޮވޭ. އެ ކޯޑުގެ ތެރެއިން ކުރެވިފައިވާ ހަރަދެއް އެއީ، އެއީ އާދަޔާ ހިލާފުކަމެއް ނޫން، އަބަދުވެސް އެފަދަ ހަރަދުތައް އަންނަނީ ކުރެވެމުން،" އާޒިމާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެފަދަ ބޭފުޅެއްގެ ފަރާތުން ގާނޫނީ ލަފަޔެއް ހޯދުމަށް ހަރަދުކުރެވިފައިވާ އަދަދަކީ ބޮޑު އަދަދެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ރާއްޖޭގެ ގާނޫނީ ވަކީލުން މަސައްކަތްކުރައްވާ ރޭޓަށް ބެލިޔަސް އެއީ ބޮޑު އަދަދެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސީމެގްގެ މައްސަލައިގައި ރާއްޖޭން ބޭރުގެ ގާނޫނީ ވަކީލުންގެ ލަފާ ހޯދާ ކަމުގެ މައުލޫމާތު މީޑިޔާއާ މީގެ ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުދެކެން އެއީ ބޮޑު އަދަދެއްކަމަކަށް. އެއީ ރީޒަނެބުލް އަގެއް. ތިޔަ ބޭފުޅުން ބެއްލެވިޔަސް އެކިވަޑައިގަންނަވާނެ ރާއްޖޭގެ ވަކީލުން ވެސް ގަޑިއިރަކަށް 500 ޑޮލަރަށް މި މަސައްކަތް ކުރައްވަނީ، އެހެންވީމާ މިފަދަ ބޭފުޅަކަށް މީ ބޮޑު އަދަދެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.

ބެރޮނަސް ސްކޮޓްލެންޑްވެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ބަންޑާރަ ނައިބަށް ގާނޫނީ ލަފާ ދީފައިވާނެ ކަމަށާއި އެއީ ގާނޫނުގެ ތެރެއިން ދީފައިވާ ގާނޫނީ ލަފަޔެއް ކަމަށެވެ. އަދި އެކަމުގައި މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.