04 Aug 2012, 15:04
ޖަމިއްޔަތުލް ފަލާހުގެ ފަރާތުން ކޮންމެ އަހަރަކު ރޯދަމަހަކު ބާއްވަމުން އަންނަ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ މި އަހަރުގެ މުބާރާތުން އެއްވަނަ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު ފާތިމަތު ލީން އަލީ ޝަރީފް ހޯދައިފި އެވެ. އަދި މިފަހަރުގެ މުޅި މުބާރާތުން އެއްވަނަ ހޯދައިފައިވާ ސުކޫލަކީ އިސްކަންދަރު ސުކޫލެ އެވެ.
އެ މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމްދިނުމުގެ ގޮތުން ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ހަފްލާއެއްގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލްކޮށްދެއްވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓާ ޝެއިހް އަބްދުލްއަޒީޒު ހުސެއިން އެވެ.
މިފަހަރުގެ މުބާރާގައި ކޮންމެ ކެޓަގަރީއަކުން ވެސް ފަސް ވަނަ އެއް ހޮވާފައިވެ އެވެ. އެގޮތުން މުޅި މުބާރާތުން ދެ ވަނަ ހޯދައިފައި ވަނީ ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު ޝައުފާ އަހުމަދެވެ. އަދި އެ މުބާރާތުން ތިން ވަނަ ސީއެޗްއެސްސީގެ ރީމް އަހުމަދު އިބްރާހިމް ހޯދައިފައިވާ އިރު ހަތަރުވަނަ ހޯދައިފައި ވަނީ އިސްކަންދަރު ސްކޫލުގެ އަލީ ސާމް ނާޒިމް އެވެ. އަދި ފަސް ވަނަ ހޯދައިފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ އައިޝަތު އިނާން ރަޝީދު އެވެ.
އަދި މުޅި މުބާރާތުން ސްކޫލް ކެޓަގަރީން ދެވަނަ ހޯދައިފައި ވަނީ އަލްމަދުރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ. އަދި ތާޖުއްދީން ސުކޫލް ތިން ވަނަ ހޯދައިފައިވާ އިރު ހަތަރު ވަނަ ހޯދައިފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލެވެ. ފަސް ވަނަ ހޯދާފައި ވަނީ ޖަމަލުއްދީން ސުކޫލެވެ.
އަދި އެ މުބަރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ބަޔަކަށް ބަހަލައިގެނެވެ. އެގޮތުން ހިތުން ކިޔުމުގެ ބައިން ނުވަ އަހަރުން ދަށުން އެއްވަނަ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އަބްދުލްﷲ މުއުމިން ހޯދައިފައިވާ އިރު 11 އަހަރުން ދަށުން އެއްވަނަ ހޯދައިފައި ވަނީ އިސްކަންދަރު ސުކޫލްގެ ދަރިވަރު އަލީ ސާމް ނާޒިމް އެވެ. އަދި އެބައިން 13 އަހަރުން ދަށުން އެއްވަނަ ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ އައިޝަތު އިނާން ރަޝީދު ހޯދިއިރު 16 އަހަރުން ދަށުން އެއްވަނަ ހޯދައިފައި ވަނީ ސީއެޗްއެސްސީގެ ދަރިވަރު ރީމް އަހުމަދު އިބްރާހިމް އެވެ. އަދި 19 އަހަރުންދަށުން އެއްވަނަ ހޯދައިފައި ވަނީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ ދަރިވަރު ޝައުފާ އަހުމަދެވެ.
ބަލައިގެން ކިޔެވުމު ގޮތްފިން ނުވަ އަހަރުން ދަށުން އެއްވަނަ އަލްމަދުރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ފާތުމަތު ލީން އަލީ ޝަރީފް ހޯދާފައިވާ އިރު 11 އަހަރުން ދަށުން އެއްވަނަ ހޯދާފައި ވަނީ ޖަމަލުއްދީން ސުކޫލުގެ އައިޝަތު އަފްނާން ޝަރީފް އެވެ. އެގޮފިން 13 އަހަރުން ދަށުން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސުކޫލުގެ އައިޝަތު ޝަމާއިލް ހުސެއިން އެވެ. އަދި 16 އަހަރުން ދަށުން އަހުމަދިއްޔާގެ އަފާ ވަޖީހް އެއް ވަނަ ހޯދާފައިވާއިރު 19 އަހަރުން ދަށުން އެއް ވަނަ ހޯދާފައި ވަނީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު އައިޝަތު އަބުދުލްﷲ އެވެ.
ޖަމިއްޔަތުލް ފަލާހުގެ ފަރާތުން މެދުކެދުމެއްނެތި އެމުބާރާތް ބޭއްވަމުން އަންނަތާ 41 އަހަރުވެއްޖެ އެވެ. އަދި އެމުބާރާތަކީ މާލޭގެ ހުރިހާ ސުކޫލަކަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި 16 ސުކޫލަކުން 372 ދަރިވަރުން ބައިވެރިވެފައިވެ އެވެ.