13 Jul 2025, 13:01
އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ކ. ދިއްފުށީގައި ބޭއްވި "ރާރާ ޕްރޯ 2025"ގެ އެއްވަނަ މަގާމު ރާއްޖޭގެ އެއްވަނަ ކައިޓްބޯޑަރު ހަސަން މާހިރު (ހަންޓޭ) ހޯދައިފިއެވެ.
ނިމިދިޔަ ހަފުތާބަންދުގައި ބޭއްވި މި މުބާރާތުގެ އެއްވަނަ ހަންޓޭ ހޯދާފައިވަނީ މުބާރާތުގެ އެމްބެސަޑަރުގެ ގޮތުގައި ހަރަކާތްތެރިވި މުޙައްމަދު ރާއިފް ޝަނީޒް ބަލިކޮށްގެންނެވެ.
ފައިނަލް ހީޓުގައި ހަންޓޭއަށް ވަނީ ފަސް ޕޮއިންޓު ލިބިފައެވެ. އެއީ އެންމެ މަތިން ނިންމި ހަތަރު ރޭހުގެ ތެރެއިން ތިން ރޭހުން އެއްވަނަ ހޯދުމާއެކު އެއް ރޭހުން ދެވަނަ ހޯދައިގެންނެވެ.
މިމަހުގެ 10 އިން 12އަށް ކުރިއަށްދިޔަ މި އިވެންޓުގެ ތިންވަނަ ހޯދީ ހދ. ވައިކަރަދޫގެ ވިސާމް މުޙައްމަދެވެ.
ޖުމްލަ 23 އެތުލީޓުންނާއެކު މި މުބާރާތް ކުރިއަށްދިޔައިރު، މިއީ ދިއްފުށީގައި ކައިޓް ސާފިން މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ރޭސިން އިވެންޓްގެ އިތުރުން ފްރީ ސްޓައިލް އިވެންޓް ކުޑަކުދިންގެ ހާއްސަ އިވެންޓެއް ހިމެނުނެވެ.
މިއަހަރުގެ ކާމިޔާބީއާއެކު އަންނަ އަހަރުވެސް ކައިޓް ސާފިން މުބާރާތެއް ބޭއްވުމަށް މުބާރާތް އިންތިޒާމުކުރި އައިކޮނިކް އިވެންޓްސްއިން ވަނީ ނިންމާފައެވެ.