04 Aug 2012, 14:37
ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީނު އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްއާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
މިއަދު ހެނދުނު އޮތް އެ ބައްދަލުކުރެއްވުމުގައި ޑީއާރުޕީން ސިޔާސީ ކަންކަމުގައި ގެންގުޅޭ ވިސްނުމާއި އެ ޕާޓީގެ ސިޔާސަތު ޑރ. މަންމޯހަން ސިންގްއާ ތަސްމީނު ހިއްސާ ކުރެއްވެވި ކަމަށް ޑީއާރުޕީ އިން ބުންޏެވެ.
އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއާ އެކު ބާއްވާ ގާތްގުޅުމަށާއި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ޑރ. މަންމޯހަން ސިންގްއަށާއި އިންޑިއާ ސަރުކާރަށް ތަސްމީނު ވަނީ ޝުކުރުއާދާ ކުރައްވާފައިވާ ކަމަށް ވެސް ޑީއާރުޕީން ބުނެ އެވެ.
މީގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު މރ. ދިނޭޝްވަރު މުލޭ ރާއްޖެއާއި އިންޑިއާ ދޭތެރޭގައި އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެމަނިކުފާނަށް ވެސް ތަސްމީނު ޝުކުރު އަދާކުރައްވާފައިވާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްއާ ތަސްމީނު ބައްދަލު ކުރެއްވީ ޑރ. މަންމޯހަންއާ ބައްދަކު ކުރެއްވުމަށް އިންޑިޔާ ސަރުކާރުން ދެއްވި ދައުވަތެއްގަ އެވެ.
އިންޑިޔާ އަށް ކުރައްވައިގެން އުޅުއްވާ ރަސްމީ ދަތުރުފުޅުގައި ތަސްމީނު ވަނީ ނިއުދިއްލީގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަންގައި އިއްޔެ ތަގުރީރު ކުރައްވާފަ އެވެ. އަދި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝްރީ ޝީވްޝަންކަރު މެނަން އާއި އިންޑިއާގެ ފޮރިން ސެކެޓްރީ ޝްރީ ރަންޖަން މަތާއީއާ ތަސްމީނު ވަނީ ބައްދަލުކުރައްވާފަ އެވެ.