04 Aug 2012, 14:12
ހއ. އަލިދޫ ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވޭތުވެ ދިޔަ ޖޫން މަހާއި ޖުލައި މަހުގެ މުސާރައިގެ އިތުރުން ރޯދަމުހުގެ އިނާޔަތު ފައިސާ ނުދީ ލަސްވުމުގެ ސަބަބުން ދަތިވާތީ އެ މުއައްޒަފުން މެނޭޖްމަންޓްގައި ޝަކުވާ ކޮށްފި އެވެ.
އަލިދޫ ރިސޯޓްގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މައުލޫމާތުދެމުން މިއަދު ބުނީ މުސާރައިގެ އިތުރުން ރޯދަ މަހުގެ އެލަވަންސް ނުދެތީވެ އެކަމުގެ ޝަކުވާ ޖެނެރަލް މެނޭޖަރާއި ހަމައަށް އުފުލާފައިވާ ކަމަށާއި ޖެނެރަލް މެނޭޖަރު ވިދާޅުވި ކަމަށް އެ މުއައްޒަފު ބުނީ މުސާރަ ނުދެވި ވަނީ މުސާރަ ދޭނެ ފައިސާ ނެތުމުގެ ސަބަބުންކަމަށް ވިދާޅުވި ކަމަށެވެ.
"އެބޭފުޅާ ވިދާޅުވި މުސާރަ ދޭނެ ފައިސާ ނެތޭ. އެކަމަކު ކުރިން ރިސޯޓްގައި ގެސްޓްން މަދުނަމަވެސް މިހާރު މި ރިސޯޓުގައި 50 ޕަސަންޓް ފުލްކޮށް އޮތީ ވެސް. ރޯދަމަހު އަޅުގަނޑުމެން ތިބެން މެޖެހުނީ މުސާރަ ކީއްކުރަން އިނާޔަތު ފައިސާ ވެސް ނުލިބި އަދިވެސް އެ ކަމުގެ އިންތިޒާރުގައި،" އޭނާ ބުންޏެވެ.
އަދި އޭނާ ބުނީ ބޭރުގެ މުވައްޒަފުންނަށް ކުރީ ހަތަރު މަސް ދުވަހުގެ މުސާރަ ނުދިނުމުގެ ޝަކުވާ އެމުވައްޒަފުން ވެސް ކުރާކަމަށާއި މުސާރަ ކޮޅު ލިބޭތޯ މުވައްޒަފުން މެނޭޖްމަންޓަށް ކޮންމެ ދުވަހަކު ވެސް ހަނދާން ކޮށްދޭނެ ކަމަށެވެ.
އެރިސޯޓުގެ ހިއުމަން ރިސޯސަސް މެނޭޖަރު އިގުބާލު ހަމީދު ވިދާޅުވީ މުވައްޒަފުން ނަށް ވޭތުވެ ދިޔަ ދެ މަހުގެ މުސާރަ ނުދެވިވާ ކަމަށާއި ވީހާވެސް އަވަހަކަށް މުސާރަ ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މުސާރަ ނުދެވި ލަސްވެގެން ދަނީ ޑޮލަރު ޗެކެއް ދިވެހި ފައިސާ އަށް ބަދަލުކޮށްގެން ފައިސާ ނުނެގިން ކަމަށާއި އެކަން ހައްލުކުރުމަށް ފަހު މުވައްޒަފުންނަށް މުސާރަ ދޭނެ ކަމަށެވެ.
"ޗެކަށް އެރި ތާއްޓެއްގެ ސަބަބުން މުސާރައިގެ ކަންކަން ހަމަނުޖެހި ލަސްވަނީ. ވީހާ ވެސް އަވަހަކަށް މުސާރަ ދެވޭ ތޯ އެބަ މަސައްކަތް ކުރަން،"
ނަމަވެސް މުވައްޒަފުންނަށް މުސާރަ ދޭނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.