13:48


ޤާނޫނުތަކާއި ފަނޑިޔާރުގެތަކަކީ ސިޔާސީ ބައެއް ބޭފުޅުންގެ ސިޔާސީ ހަޔާތް ކާމިޔާބް ކުރެއްވުމަށްޓަކައި ބޭނުންކުރައްވަން އޮތް ވަސީލަތެއް ކަމުގައި ބައެއް ބޭފުޅުން ދެކެވަޑައިގެންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި، ޤާނޫނަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށާއި، ޤާނޫނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ މުހިންމުގެ ކަމުގެ މައްޗަށް މިއަދު ވާހަކަ ދައްކަވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤާނޫނަކީ ނުވަތަ ފަނޑިޔާރުގެއަކީ ސިޔާސީ ޙަރަކާތް ހިންގުމަށް ބޭނުންކުރެވޭނެ ހަތިޔާރެއްގެ ގޮތުގައި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލައަކީ ކޮންމެވެސް ސިޔާސީ ކަމަކާ ގުޅިފައި އޮންނަ މައްސަލައެއް ކަމަށާއި އަދި ޤާނޫނު ނުވަތަ ފަނޑިޔާރުގެއަކީ، ބައެއް ބޭފުޅުންގެ ނަޒަރުގައި ސިޔާސީ ޙަރަކާތުގެ ވަސީލަތެއް ކަމުގައި ވިދާޅުވި އެވެ.


ޤާނޫނުތަކުގެ ބޭނުމަކީ އެއަށް ތަބާވުން ކަމަށާއި، ކޯޓުތަކުގެ ބޭނުމަކީ އެތަންތަނުން އިއްވާ ޙުކުމަކީ ރައްޔިތުން ގަބޫލުވާ ޙުކުމަކަށް އަދި ރައްޔިތުންނަށް އެޙުކުމަކަށް އިތުބާރު ކުރެވޭ ޙުކުމަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެހެން އެކަން ކުރުމަށްޓަކައި ޤާނޫނުވެސް އަދި ކޯޓުތައްވެސް އަޅުގަނޑުމެން ބޭނުންކުރަމުންދާން ޖެހޭނީ، ހެޔޮގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ހަމައެއާއެކު، ޤާނޫނަކީ ސިޔާސީ ޙަރަކާތް ހިންގުމަށްޓަކައި ނުވަތަ ޤާނޫނީގޮތުން އެކެއް އަނެކަކަށް، ސިޔާސީގޮތުން އެކެއް އަނެކަކަށް ލަގާއެއް ދިނުމަށްޓަކައި، ދައްޗެއް ކުރުމަށްޓަކައި، އޮޅުވާލުމަށްޓަކައި، މަގުން ކައްސާލުމަށްޓަކައި ބޭނުންކުރާ އެއްޗެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި އެމަނިކުފާނުގެ ސިޔާސީ ޙަރަކާތް ބިނާވެފައި އޮންނާނީ، ޤާނޫނީ އެކިއެކި މާއްދާތައް ބޭނުންކުރައްވައިގެން، އެކިއެކި ސިޔާސީ ވާދަވެރިންނަށް، ސިޔާސީ ބޭފުޅުންނަށް ދެރައެއް، ގެއްލުމެއް ދެއްވައި ހެއްދެވުމުގެ މައްޗަކަށް ނޫން ކަމަށާއި މިސަރުކާރުން ޤާނޫނު ބޭނުންކުރަމުން ގެންދާނީ، ސީދާ ހަމަ މަގުގައި، ޤާނޫނީ ދައުލަތް ހިންގުމުގައި އެބޭނުންވާ މިންވަރަށް، އެބޭނުންވާ ދަރަޖައަށް ކަމުގައި ވިދާޅުވި އެވެ. އަދި ޤާނޫނަކީ އަޅުގަނޑުމެން ދަމަހައްޓަންޖެހޭ ހަމަތަކެއް ކަމަށްވާއިރު، އެހަމަތައް ބޭނުންކޮށްގެން، ނުހަމަ، ނާޖާއިޒު ފައިދާ ނެގެންހުރި މަގުމަގު ހޯދައިގެން، ޤާނޫނުތައް ބޭނުންކުރުން އެއީ، ޤާނޫނުގެ ބާރު ކަނޑާލުމާއި، ޤާނޫނުގެ ބޭނުން ނެތޭވަރު ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ޚިޠާބުގައި، މިއަދަކީ ރަމަޟާން މަހުގެ 17 ވަނަ ދުވަސް ކަމަށްވުމާއި، މިއަދަކީ ބަދުރު ހަނގުރާމަ ހިނގި ދުވަސް ކަމަށް ވާތީ، އެޙާދިޘާގެ މައްޗަށް ވެސް ބައްލަވައިލެއްވި އެވެ. އަދި ބަދުރު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ވަރަށް މަތިވެރި، ވަރަށް މުހިންމު މަގާމެއް ދެވިފައިވާ ޙާދިޘާއެއް ކަމަށާއި، އެދުވަހަކީ އިސްލާމުންނަށް ވަރަށްބޮޑު ކާމިޔާބީއެއް ލިބުނު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.