އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިފައިވާ ގަވާއިދުތަކުގެ މުއްދަތު މާދަމާ ރޭ 12:00 އަށް ހަމަވާތީ، އެ ގަވާއިދުތަކުގެ މުއްދަތު ހަމަވާ ތާރީހު އިތުރު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުން ބާރުލިބިދޭ ގަވާއިދުތަކަށް ޢަމަލު ކުރުމުގެ މުއްދަތު 05 އޮގަސްޓް 2012 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުގެ ގަވާއިދު ކޮމެޓީން އެދިފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ކޮމެޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ރިޕޯޓާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް ޓަކައި، މާދަމާ ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޢަބްދުﷲ ޝާހިދު ނިންމަވާފައިވާފައިވާ ކަމުގަ އެވެ.

މާދަމާ ޖަލްސާ ބާއްވާނެ ކަމަށް ކަނޑައަޅައި މަޖިލީހުގެ މެންބަރުންނަށް މިއަދު ސިޓީ ފޮނުއްވާފައިވާ ކަމަށާއި އެ ސިޓީތަކުގައި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ ގަވާއިދުތަކަކީ، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ އަދި މަދަނީ ހައްގުތަކާއި، ރައްޔިތުންނަށް ލިބިދޭން ޖެހޭ މަންފާތަކާ ސީދާ ގުޅުންހުރި ގަވާއިދުތަކެއް ކަމަށް ބަޔާކޮށްފައިވެ އެވެ. އެ ގަވާއިދުތަކަކީ ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިންގުމަށް ބޭނުންވާ އިޖުރާއަތުތަކާއި އުސޫލުތަކާ ސިދާ ގުޅުން ހުރި މުހިންމު ގަވާއިދުތަކެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މަޖިލީހުގެ މެންބަރުންނަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ އެ ގަވާއިދުތަކުގެ ތެރޭގައި އަދުލު އިންޞާފު ޤާއިމްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި، އިޤްތިޞާދީ، އިޖްތިމާޢީ، އަދި ތަޢުލީމުގެ ދާއިރާ ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، ސިޔާސީ ޕާޓީތައް ހިންގުމަށް ބޭނުންވާ ގަވާއިދުވެސް ހިމެނޭ ކަމަށެވެ.

އާންމު ގަވާއިދުތަކާބެހޭ ގާނޫނު ޖަދުވަލު 1 އަދި ޖަދުވަލު 2ގައި ހިމެނޭ ގަވާއިދުތަކުގެ ތެރެއިން އެކިފަހަރުމަތިން ރައްޔިތުންގެ މަޖިލީހުން އުނިކުރައްވާފައިވާ ގަވާއިދުތައް ފިޔަވައި، ދެންހުރި ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުނުކޮށްފިނަމަ، އެ ގަވާއިދުތަކަށް ލިބިދީފައިވާ ޤާނޫނީ ހައިޞިއްޔަތު ގެއްލިގެންދާނެކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން އެގަވާއިދުތަކަށް ލިބިދީފައިވާ ޤާނޫނީ ހައިޞިއްޔަތު ނެތިގޮސްފިކަމުގައިވާނަމަ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަދި އިސްވެދެންނެވި ގަވާއިދުތަކުގެ ދަށުން ރައްޔިތުންނަށް ލިބެމުންދާ އެތަކެއް މުހިންމު ޚިދުމަތްތަކާއި މަންފާތައް ހުއްޓުމަކަށް އައިސް، އެ ގަވާއިދުތަކުގެ ދަށުން އެކުލަވާލާފައިވާ ބޯޑުތަކުގެ ޤާނޫނީ ހައިޞިއްޔަތު ގެއްލިގެން ދިއުމުގެ ސަބަބުން ދައުލަތް ހިންގުން ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ، އަދި، މިކަން ކުރިއަށް ގެންދިއުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ،" މަޖިލީހުގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ޚަބަރުގައިވެ އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓާލައިފައި އެމްޑީޕީން މަޖިލިސް ކުރިއަށް ނުގެންދާނެ ކަމަށް ބުނެ، މަޖިލީހުގެ ޖަލްސާތަކުގެ ނިޒާމު ތަރުރާރުކޮށް ނަގާލަމުންދާތީ އެވެ. މާދަމާ ޖައްސާ ބޭއްވުމަށް ނިންމިއިރު، ރޭ ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާތަކެއް ބާއްވާފަ އެވެ.

އެ މަޝްވަރާތަކުގައި ވެސް މަޖިލިސް ކުރިއަށް ގެންދެވޭނެ ސުލްހަވެރި މާހައުލެއް ގާއިމްކޮށްދިނުމަށް އެމްޑީޕީން އެއްބަސްވެފަ އެއް ނުވެ އެވެ.