04 Aug 2012, 12:45
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އެ ފައިސާ އަމިއްލައަށް ބޭނުން ކުރި މީހަކު ދެ އަހަރާއި 11 މަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޓެކްމުގެ ކުށުގައި ދެއަހަރާއި އެގާރަ މަހަށް އަރުވާލަން ހުކުމް ކޮށްފައި ވަނީ ހުޅުމާލޭ ފުލެޓް އަހުމަދު ޝަމްއޫންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ ނ. ކެނދިކުޅުދޫ، ޗާންދަނީވިލާ، ހުސެއިން ސަލާހަށް ގުޅައި ސާދަ ރުފިޔާ ފަންސާސް ލާރީގެ ރޭޓުން އޭނާ އަށް 2000 އެމެރިކާ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އޭނާގެ އަތުން 29،000ރ. ޝަމްއޫން އަތުލުމަށް ފަހު އޭނާ އަށް އެއްވެސް ޑޮލަރެއް ހޯދައިނުދީ އެ ފައިސާ ބޭނުންކޮށްފައިވާކަން ޝަމްއޫންގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އޭނާ އަރުވާލުމަށް ހުކުމް ކުރުމަށް ފަހު އެ ފައިސާ ސަލާހަށް ދެއްކުމަށް ޓަކައި ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމުން އޭނާ އަށް ވަނީ އަންގާފަ އެވެ.
އަރުވާލަން ކުރާ ހުކުމްތައް މިހާރު ޑީޕީއާރްއެސް އިން ތަންފީޒެއް ނުކުރެ އެވެ.
ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އަރުވާލަން ކުރާ ހުކުމްތައް ތަންފީޒު ނުކުރެވެނީ އަރުވާލަން ހުކުމް ކުރާ މީހުން ރަށްރަށް ފޮނުވަން އެ ރަށްރަށުގެ ރައްޔިތުން ގަބޫލު ނުވާތީ ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވުމުގެ ކުށުގައި ދޮޅު އަހަރަށް އަރުވާލަން ހުކުމް ކުރި ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު ވެސް އަރުވާލާފައެއް ނުވެ އެވެ.