އެމްއެންޑީއެފުން ބަލަހައްޓަމުން އަންނަ ކުޑަކުދިންގެ ބަގީޗާގައި ޕާޓީތައް ބާއްވަން ހުއްދަދޭން ވިސްނަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބުދުﷲ އަލީ މިއަދު ވިދާޅުވީ ޕާޓީތައް ބޭއްވުމަށް ރަސްމީކޮށް ހުޅުވާނުލި ނަމަވެސް ރޭ އެތާ ބޭއްވި ޓްރަޔަލް ވެޑިންއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ރޭ ޓްރަޔަލް ޕާޓީއެއް ބޭއްވީ މީހުންގެ ޝައުގުވެރިކަން ހުރިގޮތް ބެލުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ކުޑަކުދިން ގޮސް ކުޅެ އުޅުމަށް ދަތިނުވާނެ ގޮތަށް ބެލުމަށް ފަހު ކުޑަކުދިންގެ ބަގީޗާގައި ހަވީރާއި ރޭނގަނޑު ޕާޓީތައް ބޭއްވުމަށް ހުއްދަ ދިނުމަށް ވިސްނަމުންދާ ކަމަށް އަބުދުﷲ ވިދާޅުވި އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެގޮތަށް ނިންމީ ކުޑަކުދިންގެ ބަގީޗާ ހިންގުމަށް ބޮޑެތި ޚަރަދުތަކެއް ހިންގަމުންދާތީ ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ ވިސްނަމުންދާތާ ދުވަސްކޮޅެއް ވެއްޖެ. ދޫނިތައް ބެލެހެއްޓުމަށާއި ގަސްކާނާއާއި ތަނުގެ މާހައުލަކީ ކުޑަކުދިންނާ ގުޅޭ މާހައުލަކަށް ހެދުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް އެބަހިނގާ،" އަބުދުﷲ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޕާޓީތައް ބޭއްވުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައި ވަނީ ސިފައިންގޭގެ ވިޔަފާރި ކުންފުނި، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)ގެ ބެލުމުގެ ދަށުން ކަމަށެވެ.

އަބުދުﷲ ވިދާޅުވީ ޕާޓީތަކަށް ކުޑަކުދިންގެ ބަގީޗާ ދޫކުރުމަށް ވަކި އަގުތަކެއް ކަނޑައާޅާފައިނުވާނެ ކަމަށާއި ބަގީޗާގައި ޕާޓީތައް ބޭއްވުމަށް ދޫކުރާނީ ކުޑަކުދިން އެތަނަން ގޮސް ހިތްފަސޭހަ ކޮށްލަން ދަތިނުވާނެ ގޮތަށް ކަމަށެވެ.

ހިތްފަސޭހަ ކޮށްލަން މީހުން އާންމުކޮށް ގޮސް އުޅޭ މާލޭގެ ބޮޑެތި ސަރަހައްދުތަކުގައި ޕާޓީތައް ބޭއްވުމަށް ސަރުކާރުން މިހާރު ވެސް ވަނީ ހުއްދަދީފަ އެވެ. އެގޮތުން އާޓިފިޝަލް ބީޗާއި ޖުމްހޫރީ މައިދާނުގެ އިތުރުން ސަލްޓަންޕާކް ވެސް ވަނީ ޕާޓީތައް ބޭއްވުމަށް ދޫކޮށްފަ އެވެ. އަދި އެތަން ތަނުގައި އަންނަނީ ޕާޓީތައް ބާއްވަމުންނެވެ.