04 Aug 2012, 12:35
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައްދަލު ކުރެއްވުމަށް އެމްޑީޕީން މަޖިލީހުގައި އެދިއްޖެ އެވެ.
އެމްޑީޕީން މިގޮތަށް އެދުނީ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާގަ އެވެ.
މަޖިލީހުގެ ޖަލްސާތައް ފެށުމަށް ރޭ ބޭއްވި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންނުވެ، ގައުމު ކުރިއަށްދާނެ ކަންތައްތަކާ މެދު އެއްބަސްވުމަކަން އަންނަން ޖެހޭ ކަމަށެވެ. އެގޮތުން އާސަންދައިގެ އިތުރުން ގާނޫނާ ހިލާފަށް ސަރުކާރުން ނަގާފައިވާ 300 މިލިއަން ރުފިޔާގެ ލޯނުގެ މައްސަލާގައި މަޝްވަރާ ކުރުމަށް ރައީސް ވަހީދާ އެކު އެއް މޭޒެއްގެ ދޮށަން އަންނަން ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތަކުގެ އިތުރުން އިގްތިސާދީ އަދި އިޖުތިމާއީ ބައިވަރު މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންތައްތަކާ މެދު އެކި ގޮތްގޮތަށް މަޝްވަރާކޮށްގެން ވެސް އަލިމަގެއް ނުފެނުމުން މަޖިލިސް ހުއްޓުމަކަށް ގެނައީ ކަމަށެވެ. އަދި މަޖިލިސް ފަށައިގަނެވޭނީ މަޖިލީހުގެ ސިޔާސީ ޕާޓީތަކާ އެކު ރައީސް ވަހީދު މަޝްވަރާކޮށްގެން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ރޭގެ މަޝްވަރާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މުހައްމަދު ވަހީދު ހަސަން މަނިކަށް ދަންނަވާނަމޭ... ދެން މިއަދު ވިދާޅުވީ މުހައްމަދު ވަހީދަށް ދަންނަވާފައި ދެއްވާ ޖަވާބެއްގެ މަތިން މަޝްވަރާއަށް ބަލާނަމޭ،" ތޮއްޑޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވި އެވެ.
ރޭގެ މަޝްވަރާތަކާ ބެހޭ ގޮތުން އަލީ ވަހީދު ވިދާޅުވީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ބާރު ދީފައިވާ ގަވާއިދުތަކުގެ މުއްދަތު މާދަމާ ރޭ 12:00 އަށް ހަމަވާ އިރު، އެ މުއްދަތު އިތުރު ކުރުމަށް ބާއްވަން ޖެހޭ ޖަލްސާއާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް މާދަމާ ޖަލްސާއެއް ބާއްވަން މަޝްވަރާތަކުގައި ނިންމާފައިނުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މަޖިލީހުގެ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވި އެމްޑީޕީން ދައްކާ ވާހަކަތަކަކީ ހަމަނުޖެހޭ ވާހަކަތަކެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ރައީސް ވަހީދު ބައްދަލު ކުރުމަކީ މަޖިލީހުގެ ޖަލްސާއަކުން ނުވަތަ ކޮމެޓީއަކުން ނިންމާގޮތަކުން ކުރަންޖެހޭނެ ކަމެއް ކަމުގައި ރިޔާޒް ވިދާޅުވި އެވެ. އަދި އެ އުސޫލުގެ ބޭރުން މަޖިލީހުން އިންތިޒާމްކޮށްގެން ރައީސް ވަހީދާއެކު މަޝްވަރާއެއް ބޭއްވަން އުޅުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސް އަތްޕުޅުގައި ނެތް ކޮންޓްރޯލެއް މަޖިލީހުގެ މެންބަރުންގެ އަތްޕުޅުގައި ވެސް ނެތް ކޮންޓްރޯލަކުން ގާއިމްކޮށްދޭށޭ މިބުނަނީ. އެއީ ރައީސް ވަހީދާއެކު މަޝްވަރާއެއް ބާއްވާ ވާހަކަ. އެއީ ވާނެ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާއާ ވާހަކަދައްކައިގެން ކަމެއް ހައްލު ކުރަންޏާ އެ މީހުން ސީދާ ޖެހޭނެ އަމިއްލައަށް ރައީސްއަށް ހުށަހަޅައިގެން އެކަމެއް ކުރަން،" ރިޔާޒް ވިދާޅުވި އެވެ.
ރޭ މަޖިލީހުގައި ބޭއްވި މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޑީއާރްޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑީއާރްޕީގެ ލީޑަރު ތަސްމީންގެ އަނބިކަބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ވިސާމް އަލީ އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ ރޭގެ މަޝްވަރާތަކާ ގުޅޭ ގޮތުންނާއި މަޖިލީހުގެ ޖަލްސާތައް ފެށުމާ ގުޅޭ ގޮތުން ތަފްސީލު "ހަބަރެއް" ދެއްވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވުމުން ފެންނަމަތިވެފައިވާ އެއް މައްސަލައަކީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ބާރު ދީފައިވާ ގަވާއިދުތަކުގެ މުއްދަތު މާދަމާ ރޭ 12:00 އަށް ހަމަވާ އިރު، އެ މުއްދަތު މަޖިލީހުން އިތުރުކޮށްފައި ނުވާތީ އެވެ. އެ ގަވާއިދުތަކުގެ މުއްދަތު އިތުރު ނުކޮށްފިނަމަ ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.