މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 68 ރަބަރު ޕެކެޓާ އެކު 25 އަހަރުގެ ފިރިހެނަކު ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހު އެމީހާ ހައްޔަރުކޮށްފައި ވަނީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީގައި ހުއްޓައި ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ވައަތު މުށު ތެރޭގައި އޮތް ބޮޑު ރަބަރު ޕެކެޓެއް އެއްލާލިތަން ފުލުހުންނަށް ފެނުމުން އެ ރަބަރު ޕެކެޓް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަ ކުދި ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގެ، އޭނާގެ ހާޒިރުގައި ބަލައި ފާސްކުރަމުން ދަނިކޮށް އެގޭ ގޯތިތެރޭގައި ހުރި ދޮންކެޔޮ ފީންޏެއްގެ ތެރެއަށް ބޮޑު ރަބަރު ޕެކެޓެއް އެއްލާލާފައި އޮއްވައި ފެނިގެން އެ ޕެކެޓް ނަގައި ބެލިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 62 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.